ދިވެހިރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާ އިތުރަށް ހަރުދަނާކޮށް، "ޑިޖިޓަލް ފަސްޓް ނޭޝަން" އަކަށް ރާއްޖެ ހެދުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން "މޯލްޑިވްސް ޑިޖިޓަލް ސަމިޓް" ބޭއްވުމަށް މޯލްޑިވްސް ޑިޖިޓަލް ސަރވިސް (އެމް.ޑީ.އެސް) އިން ނިންމައިފިއެވެ.
ވޯލްޑް ބޭންކާ ގުޅިގެން ބާއްވާ މި ސަމިޓް ކުރިއަށް ދާނީ މި މަހުގެ 27 އިން 29 އަށް ބާސެލޯ ނަސަންދުރާ ހޮޓެލްގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ "މޯލްޑިވްސް 2.0" ގެ ވިޝަން ހާސިލުކުރުމަށާއި، އެ ރޯޑުމެޕްގައި ހިމެނޭ މުހިންމު ލަނޑުދަނޑިތަކަށް ވާސިލުވުމަށް ބާއްވާ މުހިންމު ސަމިޓެކެވެ. މި ސަމިޓް އިންތިޒާމު ކުރުމުގައި އެމް.ޑީ.އެސްގެ އިތުރުން ޑީމެޑް ޕްރޮޖެކްޓް ޓީމުން ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
މި ސަމިޓުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އިންސްޓިޓިއުޝަނަލް ކޯޑިނޭޝަން ހަރުދަނާކުރުމާއި، އާންމު ހިދުމަތްތައް ޒަމާނީކޮށް، ޑޭޓާގެ މައްޗަށް ބިނާވެފައިވާ ގަވަރނަންސް ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުމެވެ. މީގެ އިތުރުން، ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް ދުނިޔޭގެ ފެންވަރުގެ ލީޑަރުންނާއި އެކްސްޕާޓުންގެ ތަޖުރިބާ މި ސަމިޓުގެ ތެރެއިން ލިބިގެންދާނެއެވެ.
މި ސަމިޓުގައި ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ބޭފުޅުން ކީ-ނޯޓް ސްޕީކަރުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި މޮލްޑޯވާގެ ކުރީގެ ޑިޖިޓަލައިޒޭޝަން މިނިސްޓަރު އިއުރީ ޓުރްކާނޯ އާއި، ސައުތު ކޮރެއާގެ ނޭޝަނަލް އިންފޮމޭޝަން ސޮސައިޓީ އެޖެންސީގެ ވައިސް ޕްރެޒިޑެންޓް ޔޫން ސިއޮކް ކޯގެ އިތުރުން، ޔޫކޭގެ ގަވަރމެންޓް ޑިޖިޓަލް ސަރވިސްގެ ކުރީގެ ޕްރޮގްރާމް ޑިރެކްޓަރު ޖެސިކާ މެކްއެވޮއީ ހިމެނިވަޑައިގަންނަވައެވެ.
ސަމިޓުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މުހިންމު ދާއިރާތަކުގެ ތެރޭގައި:
- ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ގަވަރނަންސް އާއި އިދާރީ ގުޅުންތައް.
- ނޭޝަނަލް ޑޭޓާ އެކްސްޗޭންޖް ޕްލެޓްފޯމް މެދުވެރިކޮށް ރައްކާތެރިކަމާއެކު ޑޭޓާ ޙިއްޞާކުރުން.
- ރައްޔިތުންނަށް ފަސޭހަވާނެހެން ޚިދުމަތްތައް ބައްޓަންކުރުން.
- ޑިޖިޓަލް އައިޑެންޓިޓީ ސިސްޓަމާއި އިތުބާރު ހުރި ޑިޖިޓަލް މުޢާމަލާތްތައް.
- އާޓިފިޝަލް އިންޓެލިޖެންސް އާއި އައު ޓެކްނޯލޮޖީތައް ޒިންމާދާރުކަމާއެކު ބޭނުންކުރުން.
- "މޯލްޑިވްސް 2.0" ގެ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުން.
މި ސަމިޓަކީ ރާއްޖޭގެ ޑިޖިޓަލް މުސްތަޤްބަލް ބައްޓަންކުރުމުގައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް މޯލްޑިވްސް ޑިޖިޓަލް ސަރވިސް އިން މައުލޫމާތުދެއެވެ.









