ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި "އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިރޭ ޝަރަފުވެރިކޮށްދެއްވައިފި އެވެ.
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެގެ ކޮންފަރެންސް ހޯލްގައި ބޭއްވުނު މި ހާއްސަ ރަސްމިއްޔާތުގައި، މާލެ ސިޓީން މި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރި ޖުމްލަ 19 ފަރާތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. މީގެ އިތުރުން، މި ޕްރޮގްރާމްގައި ކިޔަވައިދެއްވި 17 ފެސިލިޓޭޓަރުންނަށްވެސް އެކަމަނާ ވަނީ ސެޓްފިކެޓް ހަވާލުކޮށްދެއްވާފަ އެވެ.
"އުފަކާރަ" ތަމްރީނު ޕްރޮގްރާމަކީ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅު ކުރުމަށްޓަކައި، ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް މައުލޫމާތާއި ހުނަރު ފޯރުކޮށްދިނުމަށް ހިންގާ މުހިންމު ޕްރޮގްރާމެކެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން 2017 ވަނަ އަހަރު ފެށި މި ޕްރޮގްރާމްގެ މަގްސަދަކީ ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތައް އެކަމުގެ ރައްކާތެރިކަމަށް އަހުލުވެރިކުރުވުމެވެ.
މި ޕްރޮގްރާމް މިހާތަނަށް ގްރޭޓަރ މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގައި ވަނީ ހިންގާފައެވެ. އޭގެ ތެރޭގައި ޅ. އަތޮޅު، މ. އަތޮޅު، ހދ. ކުޅުދުއްފުށި، ނ. ވެލިދޫ، ޏ. ފުވައްމުލައް، ލ. އަތޮޅު އަދި ފ. އަތޮޅު ހިމެނެ އެވެ.
މިރޭ ބޭއްވި މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަލްފާޟިލާ ގީލާ އަލީގެ އިތުރުން، އެ މިނިސްޓްރީގެ އިސްވެރިންނާއި ކަމާގުޅޭ ދާއިރާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.










