ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަގުކޮނުމުގެ މަސައްކަތް ކުރި ބައެއްގެ އިހުމާލުން ކަރަންޓު ކޭބަލަކަށް ގެއްލުންވުމުން، އެކަން ކަމާބެހޭ ފަރާތްތަކަށް އެންގުމުގެ ބަދަލުގައި ކޭބަލްގައި ޓޭޕް އޮޅައި ސިއްރުކޮށްފައިވާކަން ހާމަވެއްޖެ އެވެ.
ސްޓެލްކޯއިން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވީ ކަރަންޓު ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ. މި މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށް، ހިދުމަތް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނީގެ ޓެކްނިކަލް ޓީމުން ކުރި މަސައްކަތުން މިހާރު ވަނީ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފަ އެވެ.
ސްޓެލްކޯއިން ފާހަގަކުރި ގޮތުގައި، މި މަހުގެ 12 ވަނަ ދުވަހުވެސް ކޮނުމުގެ މަސައްކަތް ކުރި ބައެއްގެ އިހުމާލުން މައި ކޭބަލަކަށް ގެއްލުންވެ، ދެވަނަ ފިޔަވަހީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނެވެ. އެ ފަހަރު ކޭބަލަށް ލިބުނު ގެއްލުން ދެނެގަތުމަށް "ފޯލްޓް ޑިޓެކްޓަރު" ބޭނުންކޮށްގެން ކުރި މަސައްކަތުގެ ތެރެއިން، އެ ކޭބަލްގެ އެހެން ދިމާއަކަށްވެސް މީގެ ކުރިން ގެއްލުން ލިބިފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ. ނަމަވެސް އެ ގެއްލުން ކުންފުންޏަށް ރިޕޯޓްކުރުމުގެ ބަދަލުގައި، ކޭބަލްގައި ޓޭޕް އޮޅައި އެކަން ސިއްރުކޮށްފައިވާކަން މިހާރު ވަނީ ހާމަވެފަ އެވެ.
މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެ، އަސާސީ ހިދުމަތްތަކަށް ބުރޫއަރަމުންދާތީ ސްޓެލްކޯއިން ވަނީ އެކަމާ ހިތާމަ ފާޅުކޮށްފަ އެވެ. މި މައްސަލައާ ގުޅިގެން ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގަ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ބައްދަލުވުމެއް ބާއްވައި، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކޭބަލްތައް ވަޅުލާފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް، ކޭބަލް އޮތް ސަރަހައްދު އަންގައިދޭ ޓޭޕާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށެވެ. އެހެންކަމުން ބިން ކޮނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކޮނުމުގެ ތެރޭގައި ކޭބަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، ލަސްނުކޮށް އެކަން ރިޕޯޓްކުރުމަކީ މުހިންމު ކަމެއްކަންވެސް ސްޓެލްކޯއިން ފާހަގަކުރި އެވެ.
ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ މައާފަށް އެދިފަ އެވެ.









