މިއަހަރުގެ މިހާތަނަށް ރާއްޖެއިން ބޭރަށް ދަޅުމަހުގައި ކަޅުބިލަމަސް އެކްސްޕޯޓުކުރި މިންވަރު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 75 އިންސައްތަ އިތުރުވެ، މިދިޔަ މަހު އެކަނި ދަޅުމަހުގެ ގޮތުގައި ކަޅުބިލަމަހުން 51 މިލިއަން ރުފިޔާ ލިބިއްޖެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް މިހާރު ލިބެމުންދާ މި ކުރިއެރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ދެއްވާ އަހަންމިއްޔަތުގެ ނަތީޖާއެކެވެ. ރާއްޖޭގެ އިޤްތިޞާދީ މައި އެއް ތަނބު ކަމަށްވާ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓުކުރަނީ ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެލިއެވެ. އެގޮތުން ކަޅުބިލަމަސް ގަނޑުކޮށްގެން، ތާޒާކޮށް، އަދި ދަޅުގައި ބަންދުކޮށްގެން ރާއްޖެއިން އެކްސްޕޯޓުކުރެއެވެ. ކަސްޓަމްސްއިން ތަފާސްހިސާބުތައް ދައްކާގޮތުން މާރިޗުމަހު ރާއްޖެއިން ދަޅުގައި ބަންދުކޮށްގެން ކަޅުބިލަމަސް އެކްސްޕޯޓުކުރި މިންވަރު ވަނީ %75 އިތުރުވެފައެވެ. އެގޮތުން ފެބުރުވަރީމަހު މި އަދަދު ހުރީ 29 މިލިޔަން ރުފިޔާގައެވެ. މިއަދަދު މާރިޗު މަހު ވަނީ 51 މިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.









