ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރު ކުރުމަށް ހިންގި ސިއްރު އޮޕަރޭޝަނުގައި ހިމެނޭ އެމެރިކާގެ ޖާސޫސީ ސިފައިންގެ މީހަކު އެ އޮޕަރޭޝަނުގެ މަޢުލޫމާތު ބޭނުން ކޮށްގެން 400,000 އެމެރިކާ ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެމެރިކާގެ އަސްކަރިއްޔާގެ ތަޖުރިބާކާރު ސިފައިންގެ މީހެކެވެ. އޭނާ ވަނީ އޮންލައިން ބެޓެއްގައި އެ އޮޕަރޭޝަނާއި ގުޅުންހުރި ސިއްރު މައުލޫމާތު ބޭނުންކޮށްގެން ނަޖާއިޒު ގޮތުގައި ފައިސާ ހޯދާފައި ކަމަށް އެމެރިކާ އިން ތުހުމަތު ކުރެއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ މި އޮޕަރޭޝަނަށް ފަހު އޭނާގެ ބޭންކް އެކައުންޓަށް ވަދެފައިވާ ބޮޑު އަދަދެއްގެ ފައިސާ އާއި މެދު ސުވާލު އުފެދުމުންނެވެ. އެމެރިކާގެ ފެޑެރަލް އޭޖެންޓުން މިހާރު ދަނީ މިކަމުގައި އިތުރު ބަޔަކު ބައިވެރިވެފައި ވޭތޯ ތަހުގީގު ހިންގަމުންނެވެ.
މަދޫރޯ އަތުލައިގަތީ މި އަހަރުގެ ޖެނުއަރީ މަހުގެ 3 ގައި އެމެރިކާގެ އަސްކަރިއްޔާ އިން ކަރަކަސް ގައި ހިންގި އޮޕަރޭޝަނެއްގައެވެ. އެއަށްފަހު އެމެރިކާއަށް އޭނާ ގެންގޮސް މިވަގުތު އޭނާ ބަންދުކޮށްފައިވަނީ ނިއުޔޯކުގެ ބްރޫކްލިންގައި ހުންނަ ހައި ސެކިއުރިޓީ ޑިޓެންޝަން ސެންޓަރެއްގައެވެ.
އެމެރިކާ އިން މަދޫރޯ އާއި ދެކޮޅަށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މާފިޔާ އާއި ގުޅުން ހުރި ދައުވާތައް އުފުލާފައި ވެއެވެ.










