ރަސްމާލެ ހިއްކުމުގެ ބޮޑު މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ހާމަކުރައްވައިފިއެވެ. ރަސްމާލެ މަޝްރޫއަކީ މިވަގުތު ރާއްޖޭގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ދަށުން މިހާތަނަށް 504 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. މިއީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އެއްކޮށްލުމުން ވާވަރުގެ ބޮޑު ސަރަހައްދެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ރަސްމާލެ މަޝްރޫއުގެ 50 އިންސައްތައަށްވުރެ ބޮޑު ބައެއް މިހާރުވަނީ ހިއްކިފަ. އެއީ 504 ހެކްޓަރު، އެއީ ނިސްބަތުން ބަލާ ކަމުގަ ވަންޏާ ހުޅުމާލެ ދެފޭސް އެއްކޮށްލީމަ އެވަރުގެ ބިމެއް ގާތްގަނޑަކަށް ހިއްކިފަ އެއޮތީ، ބާކީ އޮތްބައި ހިއްކުމުގެ މަސައްކަތް ކުރިއަށްއެބަދޭ"، މިނިސްޓަރު ވިދާޅުވިއެވެ.
ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދަނީ 11 ސައިޓަކަށް ބަހާލައިގެންނެވެ. ބިން ހިއްކުމުގެ އިތުރުން، އެ ސަރަހައްދުގެ މާސްޓާ ޕްލޭން އެކުލަވާލުމާއި، ލޭންޑްޔޫސް ޕްލޭން އަދި ޓެކްނިކަލް އެހެނިހެން މަސައްކަތްތައްވެސް މިހާރު ކުރިއަށްދާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ނަމަވެސް، މަސައްކަތްތައް އިތުރަށް އަވަސްކުރުމަށްޓަކައި އެމްއޭސީއެލްއާ ހަވާލުކޮށްގެން އަލުން މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި ދުނިޔޭގައި ބިން ހިއްކުމަށް ބޭނުންކުރާ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ 'ކްރިސްޓަބަލް ކޮލޮން' މިހާރު ދަނީ ބޭނުންކުރަމުންނެވެ. މި ޑްރެޖަރަކީ އެއްފަހަރާ 46,000 އަކަ މީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ.









