މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯ އަށް 5.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
އެސްޓީއޯއަށް ލިބުނު އާމްދަނީ 33 އިންސައްތަ އިތުރުވެ، ސާފު ފައިދާ 20 އިންސައްތަ މަތިވެފައިވާކަން އެ ކުންފުނީގެ މާލީ ރިޕޯޓުތަކުން ދައްކައިފިއެވެ.
އެސްޓީއޯ އިން އާންމުކޮށްފައިވާ މާލީ ބަޔާނުގައިވާ ގޮތުން އެ ކުންފުންޏަށް ލިބުނު އާމްދަނީއަކީ އޭގެ ކުރީ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު 33 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
އާމްދަނީއަށް އައި މި ބޮޑު ބަދަލުގެ މައިގަނޑު ސަބަބުތަކުގެ ގޮތުގައި އެސްޓީއޯއިން ފާހަގަކޮށްފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލުމެވެ. މީގެ އިތުރުން، މި ކުއާޓަރުގައި އަލަށް ފެށި ބަންކަރިންގެ ހިދުމަތާއެކު ކުންފުނިން ވިއްކި ތެލުގެ މިންވަރު 27 އިންސައްތަ އިތުރުވުމާއި، ކުންފުނީގެ އެހެނިހެން ދާއިރާތަކުގެ ވިޔަފާރިތައް ވެސް ރަނގަޅުވެ އާމްދަނީ އިތުރުވުން ހިމެނެ އެވެ.
ޖުމްލަ އާމްދަނީ އިތުރުވުމާއެކު، އެސްޓީއޯގެ ޖުމްލަ ފައިދާގެ ގޮތުގައި މި ކުއާޓަރުގައި 785 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 17 އިންސައްތައިގެ އިތުރުވުމެކެވެ.
ކުންފުނީގެ ހިންގުމުގެ ހަރަދުތައް ނިސްބަތުން އިތުރުވި ނަމަވެސް، ޖުމްލަ ފައިދާ ރަނގަޅުވުމުގެ ސަބަބުން ހިންގުމުގެ ފައިދާ ވަނީ 14 އިންސައްތަ އިތުރުވެ، 368 މިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ފައިނޭންސް ކުރުމުގެ ހަރަދުތައް ކުޑަކުރެވުމުގެ ނަތީޖާއެއްގެ ގޮތުން، ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 331 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ. މިއީ ކުރީ ކުއާޓަރަށްވުރެ 20 އިންސައްތަ އިތުރު އަދަދެކެވެ.
ދައުލަތަށް ދައްކަންޖެހޭ ޓެކުހަށް ކެނޑުމަށްފަހު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވަނީ 276 މިލިއަން ރުފިޔާ އެވެ. މިއީ ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާއެކު ވެސް އެ ކުންފުނީގެ މާލީ ހާލަތު ވަރުގަދަކަން ހާމަކޮށްދޭ ނަތީޖާއެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.










