ސާވިސް ޗާޖާ ގުޅޭގޮތުން ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށްޓަކައި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލަކީ އެމްޑީޕީގެ މެންބަރެއް ކަމަށްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި އިސްލާހެކެވެ. މި އިސްލާހުގައި މައިގަނޑު ގޮތެއްގައި ދެ ކަމެއް ވަނީ ފާހަގަކުރައްވާފައެވެ. އެއީ ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދޭ ފައިސާއަކީ ފަތުރުވެރިން އަތުން ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާއަކުން ދޭ އެއްޗަކަށް ހެދުމަށާއި، ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖު ދޭންޖެހޭ ގޮތަށް ހެދުމެވެ.
މި ބިލު ހުށަހެޅުއްވި ސަބަބާ ގުޅޭގޮތުން މެންބަރު މައުރޫފު ވިދާޅުވީ، ބައެއް ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި ފަތުރުވެރިން އަތުން ބޭރު ފައިސާ ނެގުމަށްފަހު މުވައްޒަފުންނަށް ދިވެހި ރުފިޔާއިން ސާވިސް ޗާޖު ދެމުންދާތީ ކަމަށެވެ. މީގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބޭ އާމްދަނީ ވަރަށް ބޮޑުތަނުން ދަށްވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ބިލުގެ ބަހުސް މަރުހަލާގައި ބައެއް މެންބަރުން ވަނީ މި ބިލު ހުށަހެޅުއްވި ނިޔަތާ މެދު ސުވާލު އުފައްދަވާފައެވެ. އެގޮތުން 19 ވަނަ މަޖިލީހުގައި މި އިސްލާހުތައް ނުގެނެސް 20 ވަނަ މަޖިލީހަށް ހުށަހެޅީ، ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ރައްޔިތުންނާ ގުޅުންހުރި މައްސަލަތައް ބަލައިނުގަންނަ ކަމަށް ދެއްކުމަށް ކަމަށް ބައެއް މެންބަރުން ތުހުމަތު ކުރެއްވިއެވެ.
މި ބިލު އިތުރަށް ދިރާސާކުރަން ޖެހޭކަން ގިނަ މެންބަރުން ފާހަގަކުރައްވާފައިވާއިރު، މިހާރު މި ބިލު ވަނީ ކޮމިޓީ މަރުހަލާގައި އިތުރަށް ދިރާސާކުރުމަށް ފޮނުވާފައެވެ.









