ހަތިޔާރު ފޯރުކޮށްދިނުމުގައި އީރާނާއި ގުޅުން ހުރި ނެޓްވޯކްތަކަށް އަމާޒުކޮށްގެން އެމެރިކާ އިން ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅައިފި ކަމަށް އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުން ބުނެފިއެވެ. މި ފިޔަވަޅުތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ އީރާނުގެ އަސްކަރީ ސަޕްލައި ޗޭންތަކާ ގުޅިފައިވާ ވިޔަފާރިވެރިންނަށާއި ކުންފުނިތަކާއި އޭވިއޭޝަން އެސެޓްތަކަށެވެ. 
އެމެރިކާ އިން މި ފަހަރު ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ 14 ފަރުދަކާއި ޖަމާއަތަކާއި އެއާލައިން ހިމެނޭ އިރު އޭގެތެރޭގައި ތިރްކިޔޭ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަ ކުންފުންޏެއް ވެސް ހިމެނެއެވެ. އެމެރިކާ އިން ބުނީ ދަތިކުރުމުގެ ފިޔަވަޅު އެޅި ސަބަބަކީ ތެހެރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމްތަކަށް ތާއީދުކުރާތީއެވެ.
މީގެ އިތުރުން މަހަން އެއާ އާއި ގުޅުން ހުރި ދެ މަތިންދާބޯޓެއް ވެސް ފާހަގަކޮށްފައިވާއިރު، ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ ޗަބޮކް އެފްޒެޑްސީއޯ އިން މަތިންދާބޯޓުގެ ކޮމްޕޯނެންޓްތަކާއި ޓެކްނޮލޮޖީ ސަޕްލައި ކުރި ކަމަށް ތުހުމަތު ކޮށް އެ ކުންފުންޏަށް ވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. 
އެމެރިކާއިން ބުނާ ގޮތުގައި މި ފިޔަވަޅުގެ މަގުސަދަކީ އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް އަލުން ބިނާކުރުމަށް ކުރާ މަސައްކަތަށް ހުރަސް އެޅުމާއި ޚާއްޞަ ކޮށް ޝާހިދު މަރުކާގެ ޑްރޯންތައް ބޭނުންކުރުން ހުއްޓުވުމެވެ.










