ބައެއް ވިޔަފާރިތަކުން މުދާ އެތެރެކުރުމަށްފަހު ސަޕްލަޔަރުންނަށް ފައިސާ ފޮނުވާއިރު (ޓީޓީ ހަދާއިރު)، އެއް މުއާމަލާތެއްގެ ފައިސާ އެކި ބައިބަޔަށް ބަހާލައިގެން ބޭންކަށް ފޮނުވުމަކީ އުސޫލާ ހިލާފު ކަމެއް ކަމަށާއި، އެފަދަ ހާލަތްތަކުގައި ޑޮލަރު ދޫކުރާނީ އެއީ އެއް މުއާމަލާތެއް ކަމަށް ބަލައިގެން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފިއެވެ.
އާންމުންނާއި ވިޔަފާރިތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ޓީޓީގެ މުއާމަލާތްތަކުގައި ބޭންކުން ގެންގުޅޭ އުސޫލަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. މިހާރު ވެސް ބޭންކުން އަންނަނީ 10,000 ޑޮލަރާ ހަމައަށް ޓީޓީއެއްގެ 50 އިންސައްތަ ޑޮލަރު ވިއްކަމުންނެވެ. ނަމަވެސް، އެއް ސަޕްލަޔަރަކަށް ފޮނުވަންޖެހޭ ފައިސާ ޖެހިޖެހިގެން ދެ ދުވަހެއްގެ މަތިން ނުވަތަ ބަހާލައިގެން ފޮނުވުމަކީ އުސޫލުތަކާ ފުށުއަރާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، އެއް ވިޔަފާރިއަކުން އެއް މުއާމަލާތެއް ސްޕްލިޓްކޮށް ނުވަތަ ބައިބަޔަށް ބަހާލައިގެން ފޮނުވާކަން ބޭންކަށް ފާހަގަކުރެވޭނެއެވެ.
"އަޅުގަނޑުމެން ބަލާ އުސޫލަކުން އެއީ ހަމަ އެއް ޓީޓީ. ކިތަންމެ ވަރަކަށް ސްޕްލިޓް ކުރިއަސް އަޅުގަނޑުމެން ބަލަނީ އެއް ޓީޓީގެ ގޮތުގައި،" ޝަރީގް ވިދާޅުވިއެވެ. މިފަދަ ހާލަތްތަކުގައި އެއް ޓީޓީއަށް ޑޮލަރު ދޫކުރުމަށްފަހު، ބާކީ ހުރި ބައިތަކަށް އަލުން ޑޮލަރު ނުވިއްކޭނެކަން ބޭންކުން ވިޔަފާރިތަކަށް އަންގާނެއެވެ.
ޝަރީފް ވިދާޅުވިގޮތުގައި މިގޮތަށް އަމަލުކުރަނީ މަދު ވިޔަފާރިތަކަކުން ކަމަށްވީ ނަމަވެސް، އެފަދަ ކޮންމެ ބަޔަކަށް ޑޮލަރު ދޫކުރަން ވެއްޖެނަމަ ވަކި ބަޔަކަށް މާ ގިނައިން ޑޮލަރު ލިބި، ގަވައިދާ އެއްގޮތަށް އަމަލުކުރާ ވިޔަފާރިތަކަށް ބޭއިންސާފުވާނެ އެވެ. އެއް ވިޔަފާރިއަކުން ފޮނުވާ ހުރިހާ ޓީޓީއަކަށް ޑޮލަރު ދޫކުރާނަމަ، ޑޮލަރު ވިއްކުމުގައި ކެޕެއް ނުވަތަ ލިމިޓެއް ކަނޑައެޅުމުގެ ބޭނުމެއް ނޯންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލް އިން ބުނީ ބައިނަލްއަގްވާމީ މާލީ އުސޫލުތަކާ އެއްގޮތަށް ހިންގާ ހުރިހާ ވިޔަފާރިތަކަށް ވެސް ޓީޓީގެ ޚިދުމަތް ދެމުންދާނެ ކަމަށެވެ. މީގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި މުދާ އެތެރެކުރާ ފަރާތްތައް ހިމެނެއެވެ.
ބޭންކުގެ އިލްތިމާސަކީ ހުރިހާ ވިޔަފާރިތަކުން ވެސް ޒިންމާދާރުކަމާއެކު ބޭންކުގެ ހިދުމަތްތައް ލިބިގަތުމެވެ.










