ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރާ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ލޯނު ނެގޭނެ އުމުރު 75 އަހަރާ ހަމައަށް މަތިކޮށްފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރައްވަމުން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލްގެ ބޯޑުން އިއްޔެ ނިންމި މުހިންމު ނިންމުންތަކުގެ ތެރޭގައި، މީގެ ކުރިން 60 އަހަރު ފުރުމާ ހަމައަށް ލޯނު ދޫކުރަމުން އައި އުސޫލު ބަދަލުކޮށް، މިހާރު 75 އަހަރާ ހަމައަށް ލޯނު ލިބޭނެ މަގު ފަހިކޮށްދީފައިވާނެކަމަށެވެ. މި ބަދަލާއެކު، އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ލޯނު ނުނެގޭ ގޮތަށް އޮތް އޮތުން ނިމުމަކަށް އައިސް، ދިގު މުއްދަތަކަށް ބަހާލައިގެން ލޯނު ދެއްކުމުގެ ފުރުސަތު އެ ފަރާތްތަކަށް ލިބިގެންދާނެކަމަށް ޝަރީފް ވިދާޅުވި އެވެ.
މި ބަދަލުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަށް ގެދޮރު ގަތުމާއި އެހެނިހެން ކަންކަމަށް ލޯނު ނެގި، އަދި މެދު އުމުރުގެ ބޭފުޅުންނަށް ވެސް އިތުރު ފަސޭހައެއް ވެގެންދާނެކަމަށާއި 20 ނުވަތަ 25 އަހަރަށް ދަމާލައިގެން ފަސޭހަކޮށް ލޯނު ދެއްކުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށް ވެސް ބީއެމްއެލްއިން ވަނީ ހާއްސަ ލުއިތަކެއް ތައާރަފުކޮށްފަ އެވެ. އެގޮތުން ރިސޯޓް މުވައްޒަފުންނާއި، ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކޮށްގެން ޑޮލަރުން އާމްދަނީ ލިބޭ ދިވެހިންނަށް، ޑޮލަރުން ލޯނު އަނބުރާ ދައްކާ ގޮތަށް ކުޑަ އިންޓްރަސްޓް ރޭޓެއްގައި ލޯނު ދޫކުރަން ވަނީ ނިންމާފަ އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ޑޮލަރުން ލޯނު އަނބުރާ ދައްކާ ފަރާތްތަކަށް އާންމު އިންޓްރަސްޓް ރޭޓަށްވުރެ 1.5 އިންސައްތަ ކުޑަ ރޭޓެއްގައި ލޯނު ލިބޭނެ އެވެ. އަދި އަމިއްލައަށް އިންވެސްޓް ކުރަންޖެހޭ އިކުއެޓީގެ މިންވަރު ވެސް 5 އިންސައްތައަށް ވަނީ ކުޑަކޮށްފައެވެ. މި ބަދަލަކީ ރިސޯޓް މުވައްޒަފުންނާއި ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމަކަށް ގެނައި ބަދަލެއް ކަމަށް ބޭންކުން ހާމަކުރި އެވެ.
މި އާ އުސޫލުގެ ދަށުން، ރާއްޖެއިން ބޭރުގައި ރަނގަޅު ވަޒީފާތަކުގައި އުޅޭ ދިވެހިންނަށް ވެސް ރާއްޖެއިން އެޕާޓްމެންޓް ގަތުމަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފަ އެވެ.









