ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދިވެހި ފިރިހެނަކު ފުލުހުން ހައްޔރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 2026 އޭޕްރީލް 5 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަަހަރުގެ ތ. ވިލުފުށި، މޫނިމާގެ، އާދަމް އަދްލާން ލަތީފްއެވެ. އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ. މި މުއްދަތު ހަމަވާނީ މި މަހުގެ 21 ވަނަ ދުވަހަށެވެ.
ފުލުހުން ބުނިގޮތުގައި، އަދްލާން ހައްޔަރުކުރީ ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިންނެވެ. ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވުނު ގޮތުގައި، އެ ވޮލެޓުން އަދްލާންގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވެ އެވެ.
މި މައްސަލައިގެ ތަހުގީގަށް އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ އެ ތަކެތިން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.މީގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ސީދާ ދައްކުވައިދޭ ވީޑިއޯތައް ހިމެނޭކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކުރިއަށްގެންދާއިރު، ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ މައްސަލަތަކަކީ ފުލުހުން ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ މައްސަލަތަކެއް ކަމަށް އެ މުއައްސަސާއިން ފާހަގަކުރިއެވެ. އަދި މިފަދަ ހަޑިމުޑުދާރު އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ.









