މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 631 މިލިޔަން ރުފިޔާ ލިބިފައިވާކަން އެ ބޭންކުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 497 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 26.9 އިންސައްތައިގެ ކުރިއެރުމެކެވެ. ބޭންކުގެ ބެލެންސްޝީޓަށް ބަލާއިރު، މިއީ ބޭންކުގެ ތާރީޚުގައި ޖުމްލަ އެސެޓް 60 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އެރި ފުރަތަމަ ފަހަރެވެ. މި ކުއާޓަރު ނިމުނުއިރު ޖުމްލަ އެސެޓް ވަނީ 60.6 ބިލިޔަން ރުފިޔާއަށް އަރާފަ އެވެ. މިއީ 2023 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 4.8 ބިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.
ބީއެމްއެލުން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 631 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 އިންސައްތައިގެ ބޮޑު ކާމިޔާބީއެކެވެ.
މި މުއްދަތުގައި ބޭންކަށް ލިބުނު ޖުމްލަ އާމްދަނީ 1.24 ބިލިޔަން ރުފިޔާއަށް އިތުރުވެފައިވެ އެވެ. މިއީ މައިގަނޑު ގޮތެއްގައި ލޯނާއި ފައިނޭންސިންގްގެ ފައިދާގެ ގޮތުގައި ލިބުނު 796 މިލިޔަން ރުފިޔާއާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު 332 މިލިޔަން ރުފިޔާގެ ސަބަބުން ލިބުނު ކުރިއެރުމެކެވެ. މީގެ އިތުރުން، ބޭންކުގެ ހިންގުމުގެ ޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުގެ ސަބަބުން 'ކޮސްޓް-ޓު-އިންކަމް' ރޭޝިއޯ ވަނީ ކުރީ އަހަރުގެ 25 އިންސައްތައިން 24 އިންސައްތައަށް ރަނގަޅު ކުރެވިފަ އެވެ.
ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ ޢަދަދު 40.7 ބިލިޔަން ރުފިޔާއަށް އިތުރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ބޭރުފައިސާގެ ޑިޕޮސިޓްތަކެވެ. އަދި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ ޢަދަދު ވަނީ 27.6 ބިލިޔަން ރުފިޔާއަށް އަރާފަ އެވެ.
ބޭރު ފައިސާ ދޫކުރުމުގެ ދާއިރާއިންވެސް ބޮޑެތި ކުރިއެރުންތަކެއް ވަނީ ފާހަގަކުރެވިފަ އެވެ. އެގޮތުން، އަސާސީ ބޭނުންތަކަށް މުދާ ގެނައުމަށާއި ވިޔަފާރިތަކަށް ބޭރަށް ފައިސާ ފޮނުވުމަށް 106.2 މިލިޔަން ޑޮލަރު ވިއްކާފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 142 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މީގެ އިތުރުން، ކާޑުތައް މެދުވެރިކޮށް ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް 119.9 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށްވެސް ބީއެމްއެލްގެ މާލީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.









