ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުން އައި ޑޮލަރު ސަޕޯޓް ކުއްލިއަކަށް ހުއްޓާލާފައިވާ ކަމަށް ބުނެ "އަދަދު" ނޫހުން ޝާއިއުކޮށްފައިވަނީ ހަގީގަތާ ހިލާފު ދޮގު ހަބަރެއް ކަމަށް ބޭންކުން ބުނެފި އެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވިޔަފާރިތަކަށް ޑޮލަރު ވިއްކުމުގައި އަމަލުކުރަމުންދާ އުސޫލަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި ކޮންމެ ވިޔަފާރިއަކަށް ވެސް ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިން ޓީޓީ ފޮނުވުމަށް މެދުނުކެނޑި ޑޮލަރު ވިއްކަމުންދާ ކަމުގެ ޔަގީންކަން ބޭންކުން ވަނީ ދީފަ އެވެ. މިގޮތުން މި މަހުގެ ތެރޭގައި ވެސް ޓީޓީ ހެދުމަށް ޑޮލަރު ބޭނުންވި ކޮންމެ ކަސްޓަމަރަކަށް، އެ ކަސްޓަމަރަކަށް ދެވޭނެ އެންމެ ބޮޑު އަދަދަކަށް ޑޮލަރު ވިއްކާފައިވާނެ ކަމަށް ބޭންކުން ފާހަގަކުރެ އެވެ.
ބޭންކުން އިތުރަށް ބުނެފައިވަނީ، މިހާތަނަށް ޓީޓީ ހަދަން ޑޮލަރުގެ އެހީއަށް އެދިފައިވާ އެއްވެސް ވިޔަފާރިއަކަށް އެހީތެރިކަން ފޯރުކޮށްނުދެވި ނެތް ކަމަށެވެ. ނަމަވެސް، ބައެއް ހާލަތްތަކުގައި ވިޔަފާރީގެ ޓީޓީއަށް ބޭނުންވާ ޖުމްލަ އަދަދު ބޭންކުން ނުދެވުން އެކަށީގެންވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖެއަށް ބޭންކް މެދުވެރިކޮށް ވަންނަ ފައިސާއަށްވުރެ ބޭރަށް ފޮނުވާ ފައިސާގެ އަދަދު އިތުރުވެފައިވީ ނަމަވެސް، ބޭންކުން އަންނަނީ ބޭރު ފައިސާގެ ލިކުއިޑިޓީ ހަރުދަނާކަމާއެކު ބަލަހައްޓަމުންނެވެ. އަދި ކާބޯތަކެއްޗާއި އެކިއެކި ޒަރޫރީ ބޭނުންތަކަށް ވިޔަފާރިތަކުން ބޭރަށް ފޮނުވާ ޑޮލަރުގެ އަދަދު ކުރިއަށްވުރެ އިތުރުކޮށްފައިވާ ކަމަށް ބީއެމްއެލް އިން ހާމަކުރެ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް 106.2 މިލިއަން ޑޮލަރު ވަނީ ވިއްކާފަ އެވެ. މިއީ މަހަކަށް އެވްރެޖްކޮށް 35.4 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ އެވްރެޖް މަހަކު 14.6 މިލިއަން ޑޮލަރާ އަޅާބަލާއިރު 142 އިންސައްތަ އިތުރު އަދަދެކެވެ. މިއަހަރުގެ މިހާތަނަށް ޖުމްލަ 38,855 ޓީޓީއަށް ބޭރު ފައިސާ ދޫކޮށްފައިވާއިރު، މި ހިނގާ އޭޕްރީލް މަހު އެކަނިވެސް 6,800 އަށްވުރެ ގިނަ ޓީޓީއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި އިއްޔެ އެކަނިވެސް 327 ޓީޓީއަށް 9 ލައްކައަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާ ކަމަށް ބޭންކުން ބުނެ އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ވަނީ، ބޭންކުގެ ކަސްޓަމަރުންނާއި މުޖުތަމައުގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް، ޒިންމާދާރުކަމެއް ނެތި މިފަދަ ދޮގު މައުލޫމާތު ފެތުރުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް ބުނެފަ އެވެ. އަދި މިއީ "އަދަދު" ނޫހުން ބޭންކަށް އޮންނަ އިތުބާރު ކުޑަކުރުމަށްޓަކައި ސިލްސިލާކޮށް ކުރަމުންދާ ކަމެއްގެ ގޮތުގައި ބޭންކުން ސިފަކޮށްފައިވެ އެވެ.










