ޣައްޒާ ގޮތަށް ލުބުނާނުގައިވެސް އިޒުރޭލުން ޔެލޯލައިނެއް ޤާއިމް ކުރަން ނިންމައިފިއެވެ. އިސްރާއީލުގެ އަސްކަރިއްޔާއާ ގުޅުން ހުރި މަސްދަރަކުން ބުނީ އިސްރާއީލުން މަސައްކަތް ކުރަނީ ލުބުނާނުގެ ދެކުނުގައި ނުރަސްމީ "ޔެލޯ ލައިން" ނުވަތަ ބަފަރ ޒޯނެއް ގާއިމްކޮށް، ލިތާނީ ކޯރާއި ހަމަޔަށް ލުބުނާނުގެ ރައްޔިތުން ފަހަތަށް ޖައްސައި އިސްރާއީލަށް ސެކިއުރިޓީ ޔަޤީން ކުރުމަށެވެ.
މި ޒޯން ކަނޑައެޅުމުގެ އަސްލު ބޭނުމަކީ ހިޒްބުالله އިން ފޮނުވާ ރޮކެޓް ހަމަލާތައް އިސްރާއީލާއި ހަމަޔަށް އަޔަނުދިނުން ކަމަށް ވެއެވެ. ހިޒްބުاللهގެ ރޮކެޓުތަކުގެ ނުރައްކާ އެންމެ ބޮޑީ އިސްރާއީލުގެ އުތުރުގައި އުޅޭ ރައްޔިތުންނަށެވެ.
އިސްރާއީލުގެ ބޯޑަރު ކައިރީގައިވާ ލުބުނާނުގެ ރަށްތަކުގެ ތެރޭގައި ބިންތު ޖުބައިލް އާއި މާރޫން އަލްރާސް އާއި ޢައިތާ އަލްޝަޢްބު އަދި ކްފާރުކިލާ އާއި ޢުދައިސާގެ އިތުރުން ޙޫލާ ހިމެނެއެވެ. މިއީ ބްލޫ ލައިންގެ އުތުރުގައި އޮންނަ ނަބަތީހް ގަވަރނަރޭޓާއި މަރްޖަޔޫން–ބިންތު ޖްބައިލް ޑިސްޓްރިކްޓެވެ. 
އިސްރާއީލުގެ މަސްދަރުތަކުން ބުނާ ގޮތުގައި މި ރަށްތަކުގެ އާބާދީ ފަހަތަށް ޖައްސައިލުމުން ލުބުނާނުގެ އެތެރޭގައި އެތައް ކިލޯމީޓަރަކަށް ފޯރާ "ސެކިއުރިޓީ ބެލްޓެއް" އުފެއްދުނީއެވެ.










