އިޒުރޭލުން ލުބުނާނުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެގެން ކަމަށް ޒަޔަނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ. ނަތަންޔާހޫ މިހެން ވިދާޅުވީ ހަނގުރާމަ ހުއްޓާލުމާއި ބެހޭ މަޝްވަރާގެ މަޢުލޫމާތު އޭނާގެ ކެބިނެޓާއި ހިއްސާ ކުރައްވަމުންނެވެ.
މި އެއްބަސްވުމުގެ ސަބަބުން ލުބުނާނުގެ ސަރަހައްދީ ރޮނގުގައި ހިނގަމުންދާ ކުރިމަތިލުންތަކަށް ވަގުތީ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވުނު ނަމަވެސް، ކެބިނެޓުގެ ވަޒީރުން ވަނީ ކެބިނެޓުގެ ވޯޓަކަށް ނުގޮސް މި ނިންމުން ނިންމި ކަމަށް ޓަކައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިއީ އެމެރިކާގެ ނުފޫޒުގެ ދަށުން އިސްރާއީލުގެ ސަލާމަތީ ކަންކަމުގައި ދޫދިނުން ކަމަށް ވިދާޅުވެފައެވެ.
ހަބަރުތައް ބުނާގޮތުން، ނަތަންޔާހޫ މި ނިންމުން ނިންމާފައި ވަނީ ކެބިނެޓުގެ ރަސްމީ ރުހުން ހޯދުމެއް ނެތިއެވެ. މީގެ ސަބަބުން އޭނާގެ ސަރުކާރުގެ ކޯލިޝަންގެ ތެރޭގައި ހިމެނޭ ހަރުކަށި ފިކުރުގެ ވަޒީރުން ވަނީ ބޮޑުވަޒީރަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. އެ ބޭފުޅުން ގަބޫލުކުރާ ގޮތުގައި މިފަދަ މުހިންމު ނިންމުމެއް ނިންމަން ވާނީ ކެބިނެޓުގެ ފުރިހަމަ މަޝްވަރާއާއި ވޯޓަކަށް ފަހުގައެވެ. އަނެއްކޮޅުން މި ހަނގުރާމަ ހުއްޓާލުމަށް އޭނާ އެއްބަސް ނުވި ނަމަ ވެސް ކުރިމަތިވާ ފިއްތުންތައް މާ ބޮޑުވާނެއެވެ. ހާއްސަކޮށް އޭނާގެ އެކުވެރި އެމެރިކާގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި މިޞްރު ހިމެނެއެވެ. މި ޤައުމުތަކުން ސީދާ ނަތަންޔާހޫ އާއި މަޝްވަރާ ކުރިއިރު، ސައޫދީ އާއި ޤަޠަރުން އެމެރިކާ މެދުވެރިކޮށް ނަތަންޔާހޫ އަށް ޕްރެޝަރު ކުރި ކަމަށް ޚަބަރުތައް ބުނެ އެވެ.










