ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާގެ އަސްކަރީ މަނަވަރުތައް ފައްތާލާނެ ކަމަށް އީރާނުގެ ރޫޙާނީ ލީޑަރު މުޖްތަބާ ޚާމަނާއީގެ އަސްކަރީ މުޝީރު، މޭޖަރ ޖެނެރަލް ޔަޙްޔާ ރަޙީމް ސަފަވީ އިންޒާރު ދެއްވައިފިއެވެ.
މޭޖަރ ޖެނެރަލް ޔަޙްޔާ ރަޙީމް ސަފަވީ ވިދާޅުވި ގޮތުގައި، އެ ސަރަޙައްދުގައި އެމެރިކާއިން ހިންގާ ހަރަކާތްތަކަކީ އީރާނުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށާއި، އެމެރިކާގެ މަނަވަރުތަކަކީ އީރާނުގެ މިސައިލްތަކުން ފަސޭހަކަމާއެކު އަމާޒުކޮށް ފައްތާލެވިދާނެ އުޅަނދުތަކެއް ކަމަށެވެ.
މި ހަރުކަށި އިންޒާރު ދީފައިވަނީ މެދުއިރުމަތީގެ މަސްރަޙު ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. ހުރްމުޒް މައްސަލައިގެ އިތުރުން ޚާއްޞަކޮށް، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގުޅިގެން، އީރާނާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ. އީރާނުން ދެކޭގޮތުގައި އެމެރިކާއަކީ އިސްރާއީލަށް ވާގިވެރިވާ އެންމެ ބޮޑު ބާރެވެ.
ހުރްމުޒް ކަނޑުއޮޅި އަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ، މުހިންމު ސަރަޙައްދެކެވެ. އެމެރިކާ އިން ދަނީ އީރާނަށް ދަތުރުކުރާ އުޅަނދުތަކަށް ހުރަސް އަޅަމުންނެވެ.










