ފުލުހުންގެ ބަންދުގައި މާލެ ކަސްޓޯޑިއަލްގައި ހުއްޓާ މަރުވި މީހާގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ފުލުހުންގެ ހިދުމަތުން ނިންމައިފިއެވެ.
ކަސްޓޯޑިއަލްގައި ހުއްޓާ އިއްޔެ ހަވީރުގެ ވަގުތެއްގައި މަރުވެފައި އޮއްވާ ފެނިފައިވަނީ މ. ރޭއަލިވާގެ، އުމުރުން 41 އަހަރުގެ އަހުމަދު ނަވްޝާދު އެވެ.
ފުލުހުންގެ ހިދުމަތުން ބުނީ ބަންދުގައި ހުއްޓާ މަރުވި މީހަކަށް ވުމާއެކު، އޭނާ މަރުވި ސަބަބު ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށްވާތީ ޕޯސްޓް-މޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ. ނަވްޝާދު ފެނިފައިވަނީ އޭނާ ބަންދުކޮށްފައި ހުރި ގޮޅީގެ ތެރެއަށް ވެއްޓިފައި އޮއްވައެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުން އިތުރަށް ބުނީ ނަވްޝާދު ވެއްޓިފައި އޮއްވާ ފެނުމާއެކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.
މި މައްސަލައިގެ މައުލޫމާތު މިހާރު ވަނީ ކަމާބެހޭ މުއައްސަސާތަކަށް ހިއްސާކޮށްފައެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މި ހާދިސާގެ ރިޕޯޓް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.










