ޕެޓްރޯލާއި ޑީސަލް ޝިޕްމަންޓްތައް ރާއްޖެއަށް ގެނައުމަށް ކުރިއަށް އޮތް ތިން މަސްދުވަހުގެ ޝެޑިއުލް ދަތުރުތައް މިހާރު ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް މުދާ ގެނައުމުގެ މަގުތައް ހޯދުމުގައި ސަރުކާރުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށެވެ.
މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހާ އަޅާބަލާއިރު މިއަހަރު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަދަދު 19 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.
"ޖެނުއަރީ 2024 އިން މާރޗް 2024 އަށް ރާއްޖެއަށް އިމްޕޯޓްކުރި މުދަލަށް ބަލާއިރު 13.6 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓްކުރި. މިއަހަރުގެ މި މުއްދަތުގައި 16.2 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައި އެބަވޭ. އެހެންވީމަ އިމްޕޯޓަށް ބަލާއިރު 19 އިންސައްތަ އިތުރުވުމެއް އެބައިން،" މިނިސްޓަރު ވިދާޅުވިއެވެ.
ލަންކާގައި ތާށިވެފައި ހުރި ކޮންޓެއިނަރުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިދިޔަ ހަފްތާގައި ލަންކާގައި 4,241 ކޮންޓެއިނަރު ހުރި ނަމަވެސް، މިހާރު އެ މުދާ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. މި ހަފްތާގައި އައުމަށް ހަމަޖެހިފައިވާ ބޯޓުތަކާއެކު ލަންކާގައި ހުންނަ ކޮންޓެއިނަރުގެ އަދަދު 1,741 އަށް ތިރިވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
މާލޭ ބަނދަރުގެ ހާލަތު އާންމު ހާލަތަކަށް ބަދަލުވަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މިވަގުތުވެސް ބަނދަރުގައި އޮތް އުޅަނދެއްގައި 1,200 ކޮންޓެއިނަރުގެ މުދާ އެބަހުރި ކަމަށެވެ. އަދި މި ހަފްތާގެ ތެރޭގައި އިތުރު 2,500 ކޮންޓެއިނަރުގެ މުދާ ރާއްޖެއަށް އަންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ސައީދު ދެއްވި ތަފްސީލްތަކަށް ބަލާއިރު، 12 އޭޕްރީލްގައި 500 ކޮންޓެއިނަރު، 13 އޭޕްރީލްގައި 500 ކޮންޓެއިނަރު އަދި 14 އޭޕްރީލްގައި 1,500 ކޮންޓެއިނަރު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ބާޒާރުގައި މުދާ ހުސްނުވެ ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ކުރިއެރުމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.









