މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ޒަކާތު ކުއިޒް 1447″ގެ ނަސީބުވެރި ފަރާތަށް ކަނޑައެޅިފައިވާ އިނާމު މިއަދު ރަސްމީކޮށް ހަވާލުކޮށްފި އެވެ.
މި އަހަރުގެ ކުއިޒުން އެއްވަނައަށް ހޮވި، ދެ މީހުންގެ އުމްރާ ދަތުރު ކާމިޔާބު ކުރި ފާތިމަތު މައާލް އަހްމަދަށް އިނާމު ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 11:00 ގައި އިސްލާމީ މަރުކަޒުގެ ހޯލުގަ އެވެ. މައާލަށް އިނާމު ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝުޖާއު އަބްދުލްހަކީމެވެ.
މިދިޔަ ރަމަޟާން މަހުގެ ތެރޭގައި އާންމުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ މި ކުއިޒަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި، މި ކުއިޒުގައި ޖުމްލަ 5،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރެއިން ހުރިހާ ސުވާލަކަށް ރަނގަޅު ޖަވާބު ދީފައިވަނީ 126 ބައިވެރިންނެވެ.
މި ކުއިޒުގެ ނަސީބުވެރި ފަރާތް ހޮވާފައިވަނީ ހުރިހާ ސުވާލެއްގެ ޖަވާބު ރަނގަޅު ކުރި 126 މީހުންގެ މެދުގައި 8 އެޕްރީލު 2026 ގައި ބޭއްވި ލައިވް ގުރުއަތުލުމަކުންނެވެ.
ޒަކާތާ ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން އަންނަނީ ތަފާތު ގިނަ ހަރަކާތްތަކެއް ސިލްސިލާކޮށް ހިންގަމުންނެވެ.









