ބޮލީވުޑްގެ ތާރީހުގައި އުފެދުނު އެންމެ ނުފޫޒުގަދަ އަދި އެންމެ ރީތި އެއް ބަތަލާ ކަމަށްވާ މަދޫބާލާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ލީޑު ރޯލަށް، ޒުވާން ބަތަލާ ސާރާ އަރުޖުން ހަމަޖައްސަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ހިންދީ ސިނަމާގެ "އެވަގްރީން" ބިއުޓީ ނުވަތަ ރީތިކަމުގެ މިސާލެއްގެ ގޮތުގައި ބެލެވޭ މަދޫބާލާގެ ބަޔޮޕިކްއާ މެދު އާންމުންގެ މެދުގައި ބޮޑު ޝައުގުވެރިކަމެއް އުފެދިފައިވާ މި ދަނޑިވަޅުގައި، އެ ރޯލު ކުޅުމުގެ ފުރުސަތު އެންމެ ބޮޑަށް އޮތީ ސާރާ އަށެވެ. ސާރާއަކީ ދާދިފަހުން ސިނަމާތަކުގައި ދެއްކި "ދުރަންދަރު" އިން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަންނާނެކެވެ. އޭނާއަކީ ބޮލީވުޑާއި ދެކުނު އިންޑިއާގެ ސިނަމާގެ އެކްޓަރު ރާޖް އަރުޖުންގެ ދަރިފުޅެވެ.
މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރާ ފިލްމެކެވެ. އަދި މި ފިލްމު ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ ޖަސްމީތު ކޭ ރީން އެވެ.
މި ފިލްމުގެ މަސައްކަތް މިހާރު އޮތީ "ޕްރީ-ޕްރޮޑަކްޝަން" މަރުހަލާގައިކަމަށް ރިޕޯޓުތަކުން ބުނެ އެވެ. އަދި މި އަހަރުގެ ފަހުކޮޅު ފިލްމުގެ ޝޫޓިންގް ރަސްމީކޮށް ފަށާނެ ކަމަށް ބެލެވެ އެވެ. މި ފިލްމުގައި މައިގަނޑު ގޮތެއްގައި ދައްކުވައިދޭނީ 1950 އާއި 1960 ގެ އަހަރުތަކުގެ ރީތި މަންޒަރުތަކެވެ. އޭގެ އިތުރުން، މަދޫބާލާގެ ކާމިޔާބު ފިލްމީ ކެރިއަރާއި، އޭނާގެ ޒާތީ ދިރިއުޅުމާއި، ލޯބީގެ ގުޅުންތަކުގެ އިތުރުން، ޒުވާން އުމުރުގައި އޭނާ ދުނިޔެއާ ވަކިވެދިޔަ ހިތާމަވެރި ގޮތް ވަރަށް ފުރިހަމައަށް މި ފިލްމުން ފެނިގެންދާނެ އެވެ.
މަދޫބާލާ ފަދަ ވަރުގަދަ ޝަހުސިއްޔަތެއްގެ ރޯލު ކުޅުމަކީ ބޮޑު ގޮންޖެހުމަކަށް ވާތީ، ސާރާ ޖެހޭނީ މަދޫބާލާގެ ހަރަކާތްތަކާއި ވާހަކަދެއްކުމުގެ ވައްޓަފާޅި އަދި ސްކްރީނުގައި އޭނާ ދައްކުވައިދޭ ޖާދުވީ ސިފަ ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީގެ ކުރިން ކިއާރާ އަދްވާނީ އާއި އަނީތު ޕައްޑާ ފަދަ ތަރިން މި ރޯލު ކުޅެން ހަމަޖައްސާފާނެ ކަމުގެ އަޑުތަކެއް ފެތުރުނު ނަމަވެސް، މިހާރު އެންމެ ބޮޑު ފުރުސަތެއް އޮތީ ސާރާ އަށެވެ. ނަމަވެސް، މިކަމާ ގުޅޭ ގޮތުން ފިލްމު އުފައްދާ ފަރާތުން އަދި ރަސްމީކޮށް އެއްވެސް ބަހެއް ހާމަކޮށްފައެއް ނުވެ އެވެ.










