މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލެއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްއިން ހައްޔަރުކޮށްފައިވަނީ ދަފްތަރު ނަންބަރު ދރ 071، މާލެ، ފަތުޙު އާދަމް ހަސަންފުޅު (44އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން 2026 އޭޕްރީލް 08 ވަނަ ދުވަހުގެ ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.
މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނެކެވެ. ފުލުހުން އެ ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ބައެއް ތަކެތި ފެނިފައިވެ އެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި ގާތްގަނޑަކަށް 38 ގްރާމް ހުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ހައްޔަރުކުރެވުނު ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފަ އެވެ. އޭނާގެ މައްޗަށް ކުރެވެނީ މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމުގެ އިތުރުން އޭގެ ވިޔަފާރިކުރުމުގައި ބައިވެރިވާކަމުގެ ތުހުމަތެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.










