ލ. މާމެންދޫ ކައިރިން ރޭ ދަންވަރު ބަންޑުން ޖަހާލި "އުދަރެސް" ބޯޓުން ގެއްލިގެން ހޯދަމުންދިޔަ މީހާ، ގިނަ ގަޑިއިރުތަކެއް ފަހުން ހެޔޮ ހާލުގައި ފެނިއްޖެ އެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުން ގޮސްފައިވަނީ ގއ. ކޮލަމާފުއްޓަށް އުފަން އަފީފް ނަމަކަށް ކިޔާ ފިރިހެނެކެވެ. އެމްއެންޑީއެފުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އަފީފް ފެނިފައިވަނީ ކަނޑުމަތީގައި ފިލާގަނޑެއްގެ އެހީގައި އޮއްވައި ލ. ފޮނަދޫ މަސް ދޯންޏަކަށެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 1:30 ހާއިރުއެވެ. ބޯޓު ބަންޑުން ޖަހާލި ވަގުތު އޭގައި ޖުމްލަ 13 މީހުން ދަތުރުކުރަމުން ދިޔައެވެ. ބޯޓު ބަންޑުން ޖަހާލުމާއެކު އޭގެއިން ދަތުރުކުރި އެކަކު ވަނީ ފަތާފައި ގޮސް ކައިރީގައި އޮތް ރިސޯޓަކަށް އަރާފައެވެ. އަދި ބޯޓުގައި ތިބި އިތުރު 11 މީހަކު ސަލާމަތްކޮށްފައިވަނީ އެ ސަރަހައްދުގެ ރިސޯޓެއްގެ ދޯންޏަކުންނެވެ.
އަފީފް ފެނުނުއިރު އޭނާގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.









