އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމުގެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް އެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.
ގަފޫރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 55 މެންބަރުންގެ ސޮޔާއެކު ގަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ވަނީ ހުށަހަޅާފައެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފެކްޝަނުންނެވެ.
މިކަމާ ގުޅިގެން ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ގަފޫރު ވިދާޅުވީ، "އިސްތިއުފާއެއް ނުދޭނަން، ވޯޓު ނަންގަވާ" ކަމަށެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި ގަފޫރު މަގާމުން ދުރުކުރުމުގެ މަސައްކަތް ފެށިފައިވަނީ، ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު ނަޝީދަށް ވާހަކަދެއްކެވުމުގެ ފުރުސަތު ނުދޭން ނިންމި ހިސާބުންނެވެ. މީގެ އިތުރުން، ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދާއި ލީގަލް ހެޑް އަހުމަދު މައުރޫފް ވެސް މިހާރު ވަނީ މަގާމުން ވަކިކޮށްފައެވެ.
އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގޯސްވެ، ގިނަ ފެކްޝަންތަކެއް އުފެދިފައިވާ އިރު، އެންމެ ބޮޑު ދެ ފެކްޝަނެއްގެ ގޮތުގައި އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި ރައީސް ނަޝީދުގެ ފެކްޝަނެވެ. ގަފޫރުގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ދާން ނިންމުމަކީ މި ދެ ފެކްޝަނުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ދިޔަ ކަމެކެވެ.







