ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން، 3 މިލިއަން ރުފިޔާއާ ހަމައަށް ހިންގާ މަޝްރޫއުތަކަށް ބޭނުންވާ އިކުއިޓީ ނުވަތަ އަމިއްލައަށް ކުރަންޖެހޭ ހަރަދުގެ ނިސްބަތް 5 ޕަސެންޓަށް ކުޑަކޮށްފިއެވެ.
މިއީ ކުރިން އަމިއްލައަށް ހަރަދުކުރަންޖެހޭ ގޮތަށް އޮތް 20 ޕަސެންޓާ އަޅާބަލާއިރު ކަސްޓަމަރުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. ބީއެމްއެލް އިން ހާމަކުރިގޮތުގައި މި ބަދަލުގެ ގެނައުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފައިނޭންސިން ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ގައުމީ ބޭންކުގެ ހައިސިއްޔަތުން، ދިވެހި އާއިލާތަކަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމުގައި އިސްދައުރެއް އަދާކުރުމަކީ ބީއެމްއެލްއިން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ. އަދި އިކުއިޓީ 5 ޕަސެންޓަށް ކުޑަކުރުމާއެކު، ގެދޮރު އިމާރާތްކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ހުރަސް ނައްތާލެވި، ގިނަ ދިވެހިންނަށް އަމިއްލަ ގެދޮރު އިމާރަތްކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
"މިސާލަކަށް 2 މިލިއަން ރުފިޔާގެ މަޝްރޫއަކަށް ކުރިން އިކުއިޓީގެ ގޮތުގައި 400,000 ރުފިޔާ ބޭނުންވީ ނަމަވެސް، މިހާރު އެންމެ 100,000 ރުފިޔާއާއެކު ފައިނޭންސް ލިބޭނެ. މިއީ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް،" ޝަރީފް ވިދާޅުވިއެވެ.
ތިން މިލިއަން ރުފިޔާއަށްވުރެ ބޮޑު ހައުސިން މަޝްރޫއުތަކަށް ލޯނު ނުވަތަ ފައިނޭންސިން ދޫކުރާނީ ކުރިއެކޭ އެއްގޮތަށް މަދުވެގެން 20 އިންސައްތަ އިކުއިޓީއާއެކުގައެވެ. 9 ޕަސެންޓުގެ ރޭޓާއެކު ބީއެމްއެލްއަކީ މިހާރުވެސް ގެދޮރުު ގަތުމަށް ރާއްޖޭގައި އެންމެ ކުޑަ ރޭޓެއްގައި ފައިނޭންސިން ފޯރުކޮށްދޭ ބޭންކެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ ތެރޭގައި ގެދޮރު ގަންނަ ފަރާތްތަކަށް ބޭނުންވާ އިކުއިޓީވެސް ބޭންކުން ވަނީ 5 ޕަސެންޓަށް ކުޑަކޮށްފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ބުނީ އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުތައް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ކަމަށެވެ.










