އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު (އިބުރޭ) އެ މަގާމުން ވަކިކޮށްފިއެވެ. މި ނިންމުން ނިންމަވާފައިވަނީ އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެވެ.
އިބްރާހިމް ވަހީދަށް އިއްޔެ ފޮނުއްވި ސިޓީގައި ގަފޫރު ވިދާޅުވީ، އެމްޑީޕީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާގެ ދަށުން ޗެއާޕާސަންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވުމަށް އައްޔަންކުރާ ނައިބުން ވަކިކުރުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށެވެ. އެ މާއްދާގައި ނައިބު ޗެއާޕާސަން ވަކިކުރާއިރު ގައުމީ މަޖިލީހުގެ ރުހުން ހޯދަންޖެހޭނެ ކަމަށް ބަޔާންކޮށްފައި ނުވާތީ، އެ އުސޫލުގެ ދަށުން އޭނާ މަގާމުން ވަކިކުރީ ކަމަށް ސިޓީގައި ބުނެފައިވެއެވެ. ނަމަވެސް، ވަހީދު މަގާމުން ވަކިކުރި ސީދާ ސަބަބެއް އެ ސިޓީގައި ހާމަކޮށްފައެއް ނުވެއެވެ.
މި ނިންމުމާ ގުޅިގެން އިބްރާހިމް ވަހީދު ވަނީ އެކްސްގައި ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ މަގާމުން ވަކިކުރީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށާއި، ގަފޫރު "ރަނގަޅަށް މޮޔަވެއްޖެ" ކަމަށެވެ. އަސާސީ ގަވާއިދުގެ 100 ވަނަ މާއްދާއާ ހަވާލާދީ އޭނާ ވިދާޅުވީ، އިންތިހާބީ މަގާމުތަކަށް އައްޔަންކޮށްފައިވާ ފަރާތްތަކަށް ދައުރު ހަމަވަންދެން މަގާމުގައި ދެމިތިބެވޭނެ ކަމަށެވެ.
ވަހީދުގެ އިތުރުން، އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ. މަގާމުން ވަކިކުރި މި ދެ ބޭފުޅުންނަކީ ވެސް ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ތާއީދުކުރައްވާ ދެ ބޭފުޅުންކަން ފާހަގަކުރެވެއެވެ.
މި ބަދަލުތައް އައިސްފައިވަނީ އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ހާއްސަކޮށް، ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދިން މައްސަލައިގައި ޕާޓީގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. މިކަމާ ގުޅިގެން ގަފޫރު ވިދާޅުވީ ނަޝީދަށް ފުރުސަތު ދޭން މަސައްކަތް ކުރަމުން ދަނިކޮށް ބަޔަކު މަސްލަހަތު ގެއްލޭ ގޮތަށް ވާހަކަ ފެތުރީ ކަމަށެވެ.









