ވިލިމާލޭ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު ނޭޕާލްގެ މީހަކު މަރުވެއްޖެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނެކެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ވިލިމާލޭ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު މީހަކު ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 06:30 ހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން ވިލިމާލޭގެ ފުލުހުންނާއި މެރިން ޕޮލިސް ގުޅިގެން ވަނީ އެމީހާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ.
ފުލުހުންގެ ޓީމުތަކުން ކުރި މަސައްކަތުން، ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިފައިވަނީ މޫދު އަޑީގައި އޮއްވާ ހެނދުނު 06:55 ހާއިރުއެވެ.
އެމީހާ ފެނުމާއެކު ވަގުތުން ވިލިމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ނަމަވެސް، ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އެމީހާ ވަނީ މަރުވެފައެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.









