އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން، ރާއްޖޭގެ ފަސް ސިޓީއެއްގެ މޭޔަރުކަމުގެ ގޮނޑިއާއި ރަށު ކައުންސިލްތަކުގެ ގިނަ ގޮނޑިތައް އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެމްޑީޕީން ވަނީ ޖުމްލަ 246 ގޮނޑި ކާމިޔާބުކޮށްފައެވެ.
އެމްޑީޕީން ކާމިޔާބުކުރި ގޮނޑިތަކުގެ ތެރޭގައި ފަސް ސިޓީގެ މޭޔަރުކަމުގެ އިތުރުން، ރަށު ކައުންސިލްތަކުގެ ރައީސުންގެ 70 ގޮނޑިއާއި ކައުންސިލް މެމްބަރުންގެ 171 ގޮނޑި ހިމެނެއެވެ. މީގެ އިތުރުން ހުރިހާ ސިޓީއެއްގެ މޭޔަރުން ދެވަނަ ދައުރަކަށް އިންތިހާބުވެފައިވާކަން ފާހަގަކުރެވެއެވެ.
ސަރުކާރު ހިންގާ ޕީއެންސީއަށް މި އިންތިހާބުގައި ލިބިފައިވަނީ ޖުމްލަ 218 ގޮނޑިއެވެ. އޭގެ ތެރޭގައި ހިމެނެނީ ރަށު ކައުންސިލްގެ ރައީސުންގެ 68 ގޮނޑިއާއި ކައުންސިލް މެމްބަރުންގެ 150 ގޮނޑިއެވެ. އިންތިހާބުގައި ތިންވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ މިނިވަން ކެންޑިޑޭޓުންނެވެ. އެއީ 81 ގޮނޑިއެވެ. އެހެން ޕާޓީތަކަށް ބަލާއިރު އެމްޑީއޭއަށް 10 ގޮނޑި، ޑިމޮކްރެޓްސްއަށް 2 ގޮނޑި، އަދި އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއަށް ކޮންމެ ޕާޓީއަކަށް 1 ގޮނޑި ލިބިފައިވެއެވެ.


ސިޓީތަކުގެ ނަތީޖާއަށް ބަލާއިރު، މާލެ ސިޓީގެ ވިލިމާލެ ދާއިރާ ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. އައްޑޫ ސިޓީގެ 11 މެމްބަރުންގެ ތެރެއިން ޕީއެންސީއަށް ލިބުނީ އެންމެ ގޮނޑިއެކެވެ. ފުވައްމުލަކު ސިޓީގެ އެއް ގޮނޑި ފިޔަވައި އެހެން ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބުކުރިއިރު، ތިނަދޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގެ މެޖޯރިޓީވެސް ވަނީ އެމްޑީޕީން ހޯދާފައެވެ.
ކައުންސިލް އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނެގި ހިޔާލު ހޯދުމުގެ ވޯޓުގައިވެސް ރައްޔިތުން ނިންމާފައިވަނީ އެކަމާ ދެކޮޅަށެވެ. ވޯޓުލީ މީހުންގެ 68.7 ޕަސެންޓު މީހުން ވަނީ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް ވޯޓު ދީފައެވެ.
އިންތިހާބުގެ ނަތީޖާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބު އަދި ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އިހުތިރާމާއެކު ބަލައިގަންނަވާ ކަމަށެވެ.







