މި ސަރުކާރުގެ ތިން ވަނަ ޕޮލިސް ކޮމިޝަނަރަކަށް އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ)، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ވަނީ އަހުމަދު މުހައްމަދަށް މަގާމުގެ ފަތްކޮޅު އަރުވާފައެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި އެންމެ ފަހުން ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހު ކުއްލި ގޮތަކަށް ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. ނަވީން ރިޓަޔާ ކުރެއްވުމުން، މިހާތަނަށް އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރައްވަމުން ގެންދެވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދެވެ.
ސީޕީގެ މަގާމަށް ކުރިމަތިލުމަށް ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި އަހުމަދު މުހައްމަދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދާއި އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް ކުރިމަތިލެއްވިއެވެ. ޕޮލިސް ބޯޑުން ކުރިއަށް ގެންދިޔަ އިންޓަވިއުތަކަށް ފަހު، މި މަގާމަށް އަހުމަދު މުހައްމަދު އައްޔަންކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާނަށް ލަފާ އަރުވާފައިވެއެވެ.
އަހުމަދު މުހައްމަދަކީ ފުލުހުންގެ ހިދުމަތުގައި 30 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ފުލުހުންގެ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޓިވް ދާއިރާތަކުގެ އިސް މަގާމުތައް ފުރުއްވާފައެވެ. ތައުލީމީ ދާއިރާއަށް ބަލާއިރު، އޭނާ ވަނީ ޝަރީއާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ.
މީގެ އިތުރުން، އިންޑިއާގެ ޕޮލިސް އެކަޑަމީން އައިޕީއެސް ޕްރޮބޭޝަނާސް ބޭސިކް ޓްރެއިނިން ކޯހާއި، ސީނިއާ އޮފިސަރުންނަށް ބޭނުންވާ މުހިންމު ތަމްރީނުތައްވެސް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.
މި ސަރުކާރުގެ ފުރަތަމަ ސީޕީއަކީ އަލީ ޝުޖާއުއެވެ. އޭނާ ރިޓަޔާ ކުރެއްވުމުން ދެން އެ މަގާމަށް އައްޔަންކުރެއްވީ އިސްމާއިލް ނަވީންއެވެ. މިއަދު އައްޔަންކުރެވުނު އަހުމަދު މުހައްމަދަކީ މި ދައުރުގެ ތެރޭގައި މި މަގާމާ ހަވާލުވެވަޑައިގެންނެވި ތިންވަނަ ބޭފުޅާއެވެ.









