މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި އަރިއަތޮޅު އުތުރުބުރީ އުކުޅަސްގެ ޕީއެންސީގެ ކެންޑިޑޭޓުން ތާރީޚު ބަދަލުކޮށްލައި، މީގެ ކުރިން އެ ރަށުގައި ރަސްކަން ކުރަމުން ދިޔަ އެމްޑީޕީ އަށް ނޫނެކޭ ބުނެފިއެވެ. ޒުވާނުން ނުކުމެ ކުރި މަސައްކަތުން އެރަށު ކައުންސިލްގެ ހުރިހާ ގޮނޑިއެއް ވެސް ލިބުނީ ޕީއެންސީ އަށެވެ. އެ ރަށު ޒުވާނުން ނުކުމެ އެމްޑީޕީ ބަލިކޮށްލީ 0-3 އިންނެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީގެ 3 ގޮނޑީގެ ތެރެއިން ވެސް ޕީއެންސީން ވަނީ ދެގޮނޑި ކާމިޔާބު ކޮށްފައެވެ. ރައީސް ގެ ގޮނޑި ވެސް ނެގީ ސަރުކާރު ޕާޓީ- ޕީއެންސީ އިންނެވެ.
އުކުޅަހަކީ މިހާތަނަށް ރާއްޖޭގައި ނިސްބަތުން އެންމެ ގިނަ އެމްޑީޕީގެ ސަޕޯޓަރުން ތިބި ރަށެވެ. މީގެ ކުރިން ދުވަހަކުވެސް އެ ރަށުގެ ކައުންސިލުން އެންމެ ގޮނޑި އެއް ވެސް އެމްޑީޕީ ނޫން އެހެން ޕާޓީ އަކަށް ލިބިފައެއް ނެތެވެ.









