މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ވަގުތު ހަމަވުމާއެކު ވޯޓުފޮށިތައް ބަންދުކުރަން ފަށައިފި އެވެ.
މިއަދު ހެދުނު 8:00 އިރު ވޯޓުލާން ފެށިއިރު ވޯޓުލުމަށް ފުރަތަމަ ކަނޑައެޅީ ހަވީރު 16:00 އާ ހަމައަށެވެ. ނަމަވެސް ހޫނުގަދަވެ، ކިއުދިގުވެ ގިނަބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީ ވޯޓުލުމުގެ މުއްދަތު އިތުރުކޮށްދީ 17:00 ހަމަޔަށް ވަނީ ކަނޑައަޅާފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިތުރު ކުރި ވަގުތާއެކު ހަވީރު 5:00 ޖެހުމުގެ ފަހުން އެއްވެސް މީހަކަށް ކިޔޫއަށް އެރުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށެވެ. އަދި އެ ވަގުތުގައި ކިޔޫގައި ތިބި ބަޔަކު ވޯޓުލާ ނިމުމުން ވޯޓުފޮށިތައް ބަންދުކުރާނެއެވެ.
އެގޮތުން މާލޭގައި ވޯޓުލުމުގެ ބައެއް މަރުކަޒުތަކުގައި ބަހައްޓާފައި ހުރި ފޮށިތަކަށް ވޯޓުލާން ކިއުގައި ބަޔަކު ނެތުމާއެކު އެ ފޮށިތައް ވަނީ ބަންދުކުރަން ފަށާފަ އެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގެ ވޯޓުލުންވެސް މިހާރު ވަނީ ނިންމާލާފަ އެވެ.
އީސީން ހާމަކުރި ގޮތުގައި 17:00 ޖެހިއިރު ބަންދުކުރި ވޯޓުފޮށިތަކުގެ ވޯޓު ގުނުމުގެ މަސައްކަތް 17:30 އިން ފެށިގެން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ. އަދި އެހެން ފޮށިތަަށްވެސް ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުން ގުނަން ފަށާނެ ކަމަށާއި އިންތިޒާމުތައް ހަމަޖައްސާފައިވަނީ ވީހާވެސް އަވަހަކަށް އިންތިހާބުގެ ދާއިމީ ނަތީޖާވެސް އިއުލާނުކުރެވިގެންދާނެ ގޮތަކަށް ކަމަށްވެސް ބުންޏެވެ.
މިއަދު ހަވީރު 16:00 އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި 185،709 މީހުން ވަނީ ވޯޓުލާފައެވެ. އެއީ 92،567 އަންހެނުންނާއި 93،142 ފިރިހެނުންނެވެ.
މި ވޯޓުގައި ވޯޓުލުމުގެ ހައްގު 294،876 މީހުންނަށް ލިބިގެންވާއިރު މިހާތަނަށް ވޯޓުނުލަނީ 109،167 މީހުންނެވެ.









