ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގާނޫނުގެ ދަށުން ޓޫރިޒަމްގެ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ފެށުމުން، ސަރުކާރަށް ސުކޫކުގެ ފައިސާ ދައްކާ ހަލާސްކުރުމަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުން ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) އެއްކޮށް ދައްކާ ހަލާސްކޮށްފައިވާކަން އިއުލާނުކޮށްފައެވެ.
ސުކޫކަށް ނަގާފައިވާ މި ދަރަންޏަށް ފައިސާ ދައްކާފައިވަނީ ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރި ފައިސާގެ އިތުރުން، ދައުލަތުގެ ދަރަނި އަދާކުރުމަށް ހާއްސަކޮށް އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ބޭނުންކޮށްގެންނެވެ. މި ފައިސާ ދެއްކިއިރު، މިދިޔަ މާޗް މަސް ނިމުނުއިރު ދައުލަތުގެ ރިޒާވް ވަނީ 1.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި، ދައުލަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށާއި ބޭރު ފައިސާގެ ލިކިއުޑިޓީ އިތުރުކުރުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް ވަނީ އެކުލަވާލާފައެވެ.
"މި އޮތޯރިޓީން 2024 ވަނަ އަހަރު ބޭރު ފައިސާގެ ގާނޫނަށް އަމަލު ކުރަން ފެށުމުން، ރާއްޖޭގެ ބޭރު ފައިސާގެ ނިޒާމު ކުރިއަށްވުރެ ހަރުދަނާވެ، ދައުލަތުން އަދާކުރަންޖެހޭ ދަރަނިތައް ދެއްކުމުގައި ކުރިއެރުންތަކެއް ލިބުނު،" އެމްއެމްއޭއިން ބުންޏެވެ.
ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމާއި މިކަމާ ގުޅޭގޮތުން ގެނައި އިސްލާހީ ބަދަލުތައް ތަންފީޒުކޮށްފައިވަނީ ސަރުކާރާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރެވުނު މުހިއްމު މަސައްކަތްތަކެއްގެ ތެރެއިންނެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.
ކުރިއަށް އޮތް ތަނުގައިވެސް އެމްއެމްއޭގެ އަމާޒަކީ ސަރުކާރާއި ދައުލަތުގެ އެންމެހައި އިދާރާތަކުގެ އެއްބާރުލުމާއެކު، ދައުލަތުގެ ރިޒާވް އިތުރަށް ވަރުގަދަކުރުމެވެ. މިގޮތުން ރިޒާވް ވަރުގަދަކުރުމަށްޓަކައި އެކުލަވާލަންޖެހޭ އެންމެހައި ސިޔާސަތުތައް ރާވައި ތަންފީޒުކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.










