އެމެރިކާގެ ތާރީޚުގައި ވެސް އަސްކަރިއްޔާއަށް ކަނޑައަޅާ އެންމެ ބޮޑު ބަޖެޓު، ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވައިފިއެވެ. 2027 ވަނަ މާލީ އަހަރަށް ލަފާކޮށް ހުށަހެޅި މި ބަޖެޓުގެ ޖުމްލަ އަދަދަކީ 1.5 ޓްރިލިއަން އެމެރިކާ ޑޮލަރެވެ.
ވޭތުވެދިޔަ 10 އަހަރަށް ބަލާއިރު، 2016 ވަނަ އަހަރު އެމެރިކާ އިން ހުށަހެޅީ ގާތްގަނޑަކަށް 624 ބިލިއަން ޑޮލަރުގެ ބަޖެޓެކެވެ. 2017 ވަނަ އަހަރު 656 ބިލިއަން ޑޮލަރު، 2018 ވަނަ އަހަރު 726 ބިލިއަން ޑޮލަރު އަދި، 2019 ވަނަ އަހަރު 745 ބިލިއަން ޑޮލަރަށް އެމެރިކާގެ ބަޖެޓު އަރާފައިވެއެވެ.
ޕެންޑަމިކްގައި 2020 ވަނަ އަހަރު 774 ބިލިއަން ޑޮލަރުގެ ބަޖެޓެއް ހުށަހެޅިއިރު ޖެހިގެން އައި 2021 ވަނަ އަހަރު އެމެރިކާ އިން ހުށަހެޅީ ކުރީ ފަހަރަށް ވުރެ ކުޑަ ބަޖެޓެކެވެ. އެއީ 759 ބިލިއަން ޑޮލަރެވެ. ނަމަވެސް 2022 ވަނަ އަހަރަށް ފަހު އަނެއްކާ ވެސް ދިޔައީ ޢަދަދުތައް ބޮޑުވަމުންނެވެ. އެއީ އެ އަހަރު 838 ބިލިއަން ޑޮލަރު، 2023 ވަނަ އަހަރު 905 ބިލިއަން ޑޮލަރު، 2024 ވަނަ އަހަރު 910 ބިލިއަން ޑޮލަރު އަދި 2025 ވަނަ އަހަރު ގާތްގަނޑަކަށް 962 ބިލިއަން ޑޮލަރަށް އެރިއެވެ.
ވައިޓް ހައުސްއިން ހާމަކުރި ތަފުސީލުތަކަށް ބަލާއިރު، 2027 ވަނަ އަހަރުގެ ބަޖެޓުގެ މައިގަނޑު އަމާޒަކީ އެމެރިކާގެ ދިފާއީ ބާރު ވަރުގަދަ ކުރުމެވެ.
ރައީސް ޓްރަމްޕްގެ މި ހުށަހެޅުމާއެކު، އަސްކަރީ ދާއިރާއަށް ކުރާ ހޭދަ އިތުރުވެގެންދާއިރު، ދިފާއީ ނޫން އެހެނިހެން ދާއިރާތަކަށް ކަނޑައަޅާފައިވާ ބަޖެޓުން 10 އިންސައްތަ އުނިކުރުމަށް ވަނީ ނިންމާފައެވެ.
މި ބޮޑު ބަޖެޓު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ އެމެރިކާގެ އަސްކަރީ ގާބިލުކަން އިތުރުކޮށް، ދުނިޔޭގެ މަސްރަހުގައި އުފެދެމުންދާ ނުތަނަވަސްކަމާ ކުރިމަތިލުމަށް ތައްޔާރުވުމެވެ. ޚާއްޞަކޮށް ޒަމާނީ ހަތިޔާރު އުފެއްދުމާއި، ސިފައިންގެ ތަމްރީނުތަކަށް އިސްކަންދިނުމަކީ މި ބަޖެޓުގެ މުހިންމު އަމާޒެކެވެ.
ނަމަވެސް، އިޖުތިމާއީ އަދި އިގްތިސާދީ އެހެން ދާއިރާތަކުން ބަޖެޓު އުނިކުރަން ނިންމުމާ ގުޅިގެން، ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބަޖެޓު ތަންފީޒުކުރުމަށްޓަކައި އެމެރިކާގެ ކޮންގްރެސްގެ ހުއްދަ ހޯދަންޖެހޭނެއެވެ.
އެމެރިކާގެ އަސްކަރީ ޚަރަދުތައް މިހާ މަތީ މިންވަރަކަށް ބޮޑުކުރަން ނިންމާފައި މިވަނީ، ދުނިޔޭގެ ބާރުގަދަ އެހެން ގައުމުތަކާ އޮންނަ ވާދަވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.










