މާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މިދިޔަ އަންގާރަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެގޮތުން ފުލުހުންގެ އިންޓެލިޖެންސްއަށް އެ އޮޕަރޭޝަންގެ ތެރެއިން ލިބުން މައުލޫމާތާއެކު ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ތަނެއް ބަލައިފާސްކުރި އެވެ. އަދި އެ ދެ ތަން ބަލައިފާސް ކުރުމުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. ނަމަވެސް މިހާތަނަށް އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނެއް ފުލުހުން އަދި ހާމަކޮށްފައި ނުވެ އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ހަ ރަށަކަށް ނިސްބަތްވާ ހަ ފިރިހެނުންނެވެ. އެއީ:

  1. މުހައްމަދު މާހިރު (36އ)، ދ. މީދޫ / ހަނީސީޒަން
  2. އަލީ އީޝާދު (32އ)، ސ. ހުޅުދޫ / ސޯސަން
  3. އާހިލް އަލީ (23އ)، ގ. ކަނދުމާގެއާގެ
  4. ރިކްޒު އާދަމް (23އ)، ގދ. ތިނަދޫ / ފައިވްރޯސް
  5. މުހައްމަދު ސުހާން އަހުމަދު (39އ)، ޅ. ހިންނަވަރު / ދުންތަރި
  6. އަބްދުލްމާޖިދު އިބްރާހީމް (38އ)، ލ. ގަން / މުކުރިމަގު، މަތަރެސްމާގެ

ހަމައެއާއެކު ހައްޔަރު ކުރި ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެކި މުއްދަތަށް އެ މީހުން ބަންދުގައި ބޭިތިއްބުމަށް އަމުރުކޮށްފައެވެ.

އެގޮތުން އަލީ އީޝާދު، މުހައްމަދު މާހިރު، އަބްދުލްމާޖިދު އިބްރާހީމް އަދި މުހައްމަދު ސުހާން އަހުމަދު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި އެވެ. އަދި އާހިލް އަލީ 12 ދުވަހަށް އަދި ރިކްޒު އާދަމް 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އެ މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.