އީރާނަށް އިސްވެ ޙަމަލާ ދިނުމާއި ގުޅިގެން ތެހެރާނުން ޚުރްމުޒް ބަންދު ކުރުމުގެ ސަބަބުން އެމެރިކާގައި ތެލުގެ އަގު ބޮޑުވެ ރައްޔިތުން ރަތަށް އަރައި، ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕަށް ޕްރެޝަރު ކުރުން އިތުރަށް ވަރުގަދަ ކޮށްފިއެވެ. އެމެރިކާގެ ބާޒާރުގައި ޕެޓްރޯލް ނުވަތަ ގޭސްގެ އަގު މިހާރު ހުރީ 4 ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ. މިއީ 2022 ވަނަ އަހަރަށް ފަހު 4 ޑޮލަރަށް ވުރެ މައްޗަށް އަގު އެރި ފުރަތަމަ ފަހަރެވެ. މިއީ އެގައުމުގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައި އައި ބަދަލެކެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ގިނަ ސްޓޭޓްތަކެއްގައި ތެލުގެ އަގު މިހާ ބޮޑަށް އުފުލިގެން ގޮސްފައިވަނީ ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގަށް އައި ބަދަލުތަކާއި، ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް (ރިފައިނަރީތަކަށް) ދިމާވި ބައެއް ފަންނީ މައްސަލަތަކުގެ ސަބަބުންނެވެ. މީގެ އިތުރުން، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ ސަޕްލައިއަށް ބުރޫއެރުމަކީވެސް އަގު އުފުލުމަށް މެދުވެރިވި މައިގަނޑު ސަބަބެކެވެ.
ތެލުގެ އަގު އުފުލުމާ ގުޅިގެން އެމެރިކާގެ އާންމު ރައްޔިތުންނަށް ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ވަކިން ހާއްސަކޮށް އާންމު ދަތުރުފަތުރާއި މުދާ އުފުލުމުގެ ޚަރަދު ބޮޑުވުމަކީ މުޅި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް މާހިރުން ފާހަގަކުރެއެވެ.
މި ބަދަލާއެކު، އެމެރިކާގެ ސަރުކާރުން ދަނީ ތެލުގެ އަގު ހިފެހެއްޓުމަށްޓަކައި އެކި ފިޔަވަޅުތައް އަޅަމުންނެވެ. ނަމަވެސް ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ހުރި ގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައިވެސް އަގުތައް ދަށަށް ދާނެ ކަމުގެ ނިޝާނެއް އަދި ފެންނާކަށް ނެތެވެ.
މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެމެރިކާގައި ތެލުގެ އަގު މި މިންވަރަށް އުފުލިފައި ނުވާއިރު، މިއީ އެގައުމުގެ ރައްޔިތުންގެ ޖީބަށް ބޮޑު ބުރައަކަށް ވެގެންދާނެ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.










