ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދާއި ދޫޑިގަން، ޒަމާނީގޭ ހަސަން އާޒިމް އެވެ. މި ދެ މީހުންނަކީ ޑިސެމްބަރު 2024 ގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރުކުރި ދެ މީހުންނެވެ.
ކޯޓުން މިދިޔަ އަންގާރަ ދުވަހު އެ ދެ މީހުން ދޫކޮށްލާފައި ވަނިކޮށް، ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ ރޭގެ ވަގުތެއްގައި އެ މީހުން އަލުން ވަނީ ހައްޔަރުކޮށްފައެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުކުރަން އަނެއްކާވެސް އަމުރުކޮށްފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، ހަސަން އާޒިމް އިސްވެ ހުރެ ނިއުޝާދާ ދެ މީހުން ވެގެން ފުވައްމުލަކުގައި މަސްތުވާތަކެތި ވިއްކުމަށްޓަކައި ވަނީ ނެޓްވޯކެއް ގާއިމްކޮށްފައެވެ. މި ނެޓްވޯކުން "ޑީލަރުންނަށް" މުސާރަ ދީގެން މަސްތުވާތަކެތި ވިއްކައި، ކްރެޑިޓަށް ދޫކޮށްފައިވާ ތަކެތީގެ ހިސާބުތައް ވަކި ތަރުތީބަކުން ބަލަހައްޓާފައިވާކަން ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ.
މި މައްސަލާގައި ހިމެނޭ ދެ މީހުންގެ މައްޗަށް ވެސް މަނީ ލޯންޑަރިންގެ ދައުވާ ވަނީ އުފުލާފައެވެ. އެގޮތުން، ޖުލައި 2019 އިން ފެށިގެން އޮގަސްޓް 2024 އާ ދެމެދު ނިއުޝާދުގެ އެކައުންޓަށް 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާއިރު، އާޒިމްގެ އެކައުންޓަށް 5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. މި ފައިސާއަކީ މަސްތުވާތަކެއްޗާ ގުޅުންހުރި އެކި މީސްމީހުންގެ އެކައުންޓުތަކުން ޖަމާކޮށްފައިވާ، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ތުހުމަތު ކުރެވެއެވެ.
މި ދެ މީހުންގެ މައްޗަށް މަނީ ލޯންޑަރިންގެ އިތުރުން، ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ. މީގެ ކުރިން ވެސް މި މައްސަލާގައި އެ މީހުން ހައްޔަރުކޮށްފައި ތިއްބާ ހައި ކޯޓުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބަންދުން ދޫކޮށްލިއެވެ. ނަމަވެސް ފަހުން އާ އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށް، ޝަރީއަތުގެ މަރުހަލާ މިހާރު ދަނީ ކުރިއަށެވެ.










