ކެނަބިސް ޓްރެފިކް ކުރި މައްސަލައެއްގައި ކުށް ސާބިތުވި މީހަކު 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށާއި، 100,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މާލެ، ދަފްތަރު ނަންބަރު ދރ 2069، ހަމްދޫން އަހުމަދު (31އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް މި ހުކުމް އިއްވާފައި ވަނީ 25 މާޗުގަ އެވެ.
ހަމްދޫން އަހުމަދު ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އަދި އެ ތަކެތީގެ ވިޔަފާރިކުރި މައްސަލައެއްގައި 2024 ފެބުރުވަރީ 7 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު، އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ދިވެހި ފުލުހުންގެ ހިދުމަތުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ 17 އޭޕްރީލް 2024 ވަނަ ދުވަހުއެވެ.
މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.










