ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ ދެ މީހުންނެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހ. ނިބޫގެ، ޝަމްއޫން ނަސީރު (34އ) އާއި ގ. މާވާގެ، އަބްދުﷲ ޔާމީން (32އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކަސްޓަމްސްއިން ހިފެހެއްޓި މަސްތުވާތަކެތި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓާފައިވަނީ ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ތަކެތި އަތުލައިގަތުމަށްފަހު ފުލުހުން ވަނީ އެ ތަކެއްޗާ ހަވާލުވާން އައި މީހުން ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

މި މާޗު މަހުގެ 29 ވަނަ ދުވަހު މި ދެ މީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަމްއޫން ނަސީރު 5 ދުވަހަށް އަދި އަބްދުﷲ ޔާމީން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.