ދުނިޔޭގެ އެންމެ މަގުބޫލު އެއް އެއާލައިން ކަމަށްވާ ގަތަރު އެއާވޭސްއިން ރާއްޖެއަށް ކުރަމުންދާ ދަތުރުތަކުގެ އަދަދު އިތުރުކޮށް، އަލުން ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.
މެދުއިރުމަތީގައި ފެށި ހަނގުރާމައާއެކު އެ އެއާލައިންގެ ދަތުރުތައް މެދު ކަނޑާލުމަށް ފަހު އަލުން ފަށަން ނިންމީ މިހާރު އެ ސަރަހައްދުގެ ބޯޑަރުތައް ހުޅުވި ދަތުރުފަތުރު ކުރެވޭ ގޮތްވުމުނެވެ. މި ނިންމުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ބޮޑު ފަސޭހަަކަށް ވާނެ އެވެ. ގަތަރު އެއާވޭސްއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އުފުލާ އެއް އެއާލައިނެވެ.
އެކަމާ ގުޅިގެން އޭސް ޓްރެވެލްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި އޭޕްރީލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން، އަލުން ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށެވެ. އޭ350ގެ މަރުކާގެ މަތިންދާބޯޓު މެދުވެރިކޮށް ހަފްތާއަކު ފަސް ދަތުރު ރާއްޖެއަށް ކުރާނެ ކަމަށް ފިރާގު ވިދާޅުވި އެވެ.
އެމެރިކާ އަދި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފެބްރުއަރީ 28ގައި ހަނގުރާމަ ފެށުމާއެކު، މެދުއިރުމަތީގެ ވައިގެ ސަރަހައްދުތައް ބަންދުކޮށް، ވައިގެ އުދުހުންތައް އުދުހުމަށް ވަރަށް ބޮޑެތި ބުރޫތަކެއް އަރައިފައިވެ އެވެ.
ގަތަރު އެއާވޭސްއިން ރާއްޖެއަށް ދަތުރުތައް ފަށާ މިއީ ތިން ވަނަ ފަހަރެވެ. 2001 ވަނަ އަހަރު ރަސްމީކޮށް ގަތަރު އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ކުރަން ފެށި ފަހުން މެދު ކެނޑުމެއް ނެތި އައި އެއާލައިސްގެ ދަތުރުތައް ކުރަމުންނެވެ. ނަމަވެސް 2019 ވަނަ އަހަރު ކޮވިޑާ ގުޅިގެން އެ އެއާލައިނުން ވެސް ވަނީ ދަތުރުތައް ކުރިން މެދުކަނޑާލާފަ އެވެ. ނަމަވެސް 2020 ވަނަ އަހަރު ދަތުރު ކުރަން ފެށުމާއެކު އެ ފުރަތަމަ ރާއްޖެ ޖެއްސި އިންޓަނޭޝަނަލް ފްލައިޓަކީ ގަތަރު އެއާލައިންސް އެވެ.










