މީގެ ހަތަރު އަހަރު ކުރިން، ބޯޓެއްގައި މަސައްކަތްކުރި ބިދޭސީއަކު ގެއްލުނު މައްސަލާއާ ގުޅިގެން އޭނާ މަރާލިކަމަށް ދައުލަތުން ދައުވާކުރާ މައްސަލައިގެ ހުކުމް އިއްވުން ފަސްކޮށްފި އެވެ.
އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ބަންގްލަދޭޝް އަށް ނިސްބަތްވާ ލިޓަން ވިލިމާލެއިން ފުރި ފަހުން އޭނާއަށް ވީނުވީ ގޮތެއް ނޭނގި ގެއްލުމާ ގުޅިގެންނެވެ. ދައުލަތުން އެފަދައިން އެނާގެ މައްޗަށް ދައުވާ އުފުލި ސަބަބަކީ އެނާ އަކީ ލިންޓަންއާއެކު އެ ބޯޓުން ދަތުރުކުރި ހަަމައެކަނި މީހަކަށް ވީތީއެވެ.
މިހާތަނަށް އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާ ނިންމާފަ އެވެ. ދެން އިތުރަށް އޮތީ މައްސަލައިގައި ގޮތް ނިންމާ ހުކުމްކުރުމެވެ. އެގޮތުން އެ މައްސަލައިގެ ހުކުމް އިއްވުން ވަނީ ކުރިން މިއަދަށް ތާވަލްކޮށްފަ އެވެ. ނަމަވެސް އިތުރަށް ދިރާސާކުރުމަށް ޓަކައި އެ ކޯޓަށް ވަގުތު ބޭނުންވާތީ އެ މައްސަލާގެ ހުކުމް އިއްވުން ވަނީ އެހެން ދުވަހަށް ފަސްކޮށްފައި ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދީފައިވެ އެވެ.
ލިންޓަނުގެ މަރުގެ މައްސަލައަކީ ގެއްލިފައިވާ މީހެއްގެ މައްސަލައަކާ ގުޅީގެން، މީހަކު މެރުމުގެ ދައުވާ ރާއްޖޭގައި ކުރާ ފުރަތަމަ ފަހަރުކަން ފާހަނގަކުރެވެ އެވެ. އެކަމާ ގުޅިގެން ތަހުގީގު ކުރުމަށް ފަހު، ފުލުހުން ބުނީ ލިޓަން މަރާލީ މޫދަށް ވައްޓާލައިގެން ކަމަށެވެ. އަދި އެނާ މަރާލުމުގެ މައިގަނޑު މަގުސަދަކީ ފައިސާގެ ބޭނުމުގައި ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.
އޭގެ އިތުރުން ނިޒާމްގެ މައްޗަށް ޑައިމޯފިނުން މުއާމަލާތް ކުރުމާއި ވައްކަމުގެ ދައުވާއެއް ވެސް ކޮށްފައިވެ އެވެ.









