ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތާރީހުގައިވެސް ހިއްސާދާރުންނަށް ބަހާ އެންމެ ބޮޑު ފައިދާ، މިއަހަރު ބެހުމަށް އެ ބޭންކުން ނިންމައިފި އެވެ.
ރޭ ބޭއްވި ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި، 2025 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 60 ރުފިޔާގެ މަގުން ޖުމްލަ 322،915،200 (ތިންސަތޭކަ ބާވީސް މިލިއަން، ނުވަސަތޭކަ ފަނަރަ ހާސް، ދުވިސައްތަ) ރުފިޔާ ބެހުމަށް ހިއްސާދާރުން ވަނީ ފާސްކޮށްފަ އެވެ. މީގެ އިތުރުން، މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި 2 ހިއްސާ ދޫކުރުމަށްވެސް މި ޖަލްސާގައި ވަނީ ނިންމާފަ އެވެ.
މިއީ ބޭންކުގެ މާލީ ހާލަތު ވަރުގަދަކަމާއި، ހިއްސާދާރުންނަށް އެންމެ އެދެވޭ ނަތީޖާ ހޯދައިދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.
މިކަމާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މި އަހަރު ބޭންކުން ހޯދި ވަރުގަދަ މާލީ ނަތީޖާއާއެކު، ހިއްސާދާރުންނަށް ރެކޯޑު އަދަދެއްގެ ފައިދާއެއް ދިނުމަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ ވިޔަފާރީގެ ވަރުގަދަކަމާއި ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރާ އިތުބާރު ރަމްޒުކޮށްދޭ ކަމެއް. ގައުމީ ބޭންކުގެ ހައިސިއްޔަތުން، ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި، ދެމެހެއްޓެނިވި ކުރިއެރުން ހޯދައިދިނުމަށް ފަރުދުންނާއި ވިޔަފާރިތަކަށް ކުރާ އިންވެސްޓްމަންޓްތަކުގެ ޒަރީއާއިން ދިގުމުއްދަތުގެ ފައިދާ ހޯދައިދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނަން،" ޝަރީފް ވިދާޅުވިއެވެ.
ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި ފައިދާ ލިބޭނީ ބުކް ކްލޯޝާ ޑޭޓް ނުވަތަ ފައިދާ ލިބޭނެ ފަރާތްތައް ކަނޑައަޅާ ތާރީހާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
ބީއެމްއެލްގެ މި ކާމިޔާބީއަކީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ކުރެވޭ މަސައްކަތާއި، ހަރުދަނާ ވިޔަފާރި މޮޑެލްއެއްގެ ނަތީޖާކަމަށް ބޭންކުން ދެކެ އެވެ. މި ކުރިއެރުމާއެކު ބޭންކުގެ އަމާޒަކީ ޑިޖިޓަލް ހިދުމަތްތައް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ތިބި ކަސްޓަމަރުންގެ ބޭނުންތަކަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދިނުމެވެ.










