ރާއްޖެއަށް ބޭނުންވާ މުދާ އެތެރެކުރުމަށްޓަކައި އިތުރު މަގުތައް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުން ކާމިޔާބީ ފެންނަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މިދިޔަ މާޗު މަހުގެ 4 ވަނަ ދުވަހުން ފެށިގެން ޔޫއޭއީން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވާއިރު، އެ ގައުމުން އަންނަ ކާގޯގެ މިންވަރުވެސް ދަނީ އިތުރުވަމުންނެވެ. ނަމަވެސް، ކަނޑުމަގުން އެތެރެކުރާ މުދަލަށް އަދި މިހާތަނަށް ބޮޑު އަސަރެއް ކޮށްފައިނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ މާކެޓްތަކުގެ އިތުރުން އާ މާކެޓްތައް ހޯދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، "ރާއްޖެއަށް އެންމެ ގިނައިން އަސާސީ މުދާ އެތެރެ ކުރާ ގައުމުތަކަށް ބަލައި އެ ބާވަތްތައް އެހެން މާކެޓްތަކުން އެތެރެ ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުން. އޭގެތެރޭގައި އިންޑިއާ، ޗައިނާ، ތައިލޭންޑް، މެލޭޝިއާ، ވިއެޓްނާމް، އިންޑޮނޭޝިއާ ފަދަ ގައުމުތައް ހިމެނޭ،" ކަމަށެވެ.
މީގެ އިތުރުން، މިހާތަނަށް ވިޔަފާރީގެ ގުޅުން ބޮޑަށް ގާއިމުވެފައި ނެތް ގައުމުތަކާއެކުވެސް ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށާއި، މި މަސައްކަތުގެ ސަބަބުން މުދާ އުފުލުމުގެ އާ މަގުތަކެއް ތަނަވަސްވެގެންދާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. އަދި އިމާރާތްކުރުމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ކަށަވަރުކަން ގާއިމްކުރުމަށް އެސްޓީއޯއާއި ކަނޑު ބޯޓުފަހަރު އޮޕަރޭޓްކުރާ ފަރާތްތަކާއެކު ސަރުކާރުން ދަނީ ގާތުން މަސައްކަތް ކުރަމުންނެވެ. ހަމައެއާއެކު، ރާއްޖޭގައި ތެޔޮ ރައްކާކުރެވޭ މިންވަރު ނުވަތަ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނިންމަވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ބޭރު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތައް ސަރުކާރުން ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށާއި، އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ މެދުނުކެނޑި ލިބޭނެ އިންތިޒާމް ކަށަވަރުކުރުން ކަމަށެވެ.










