ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރޭ ބޭއްވި އަހަރީ ސްޓާފް އެވޯޑް ހަފްލާގައި، އެ ބޭންކުގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑުތައް ދީފިއެވެ. މި ހަފްލާއަކީ ބޭންކުގެ ކުރިއެރުމަށް މުވައްޒަފުން ކުރާ ބުރަ މަސައްކަތާއި ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހާއްސަ ހަފްލާއެކެވެ.
މި ހަފްލާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "އެމްޕްލޯއީ އޮފް ދަ އިޔާ" އެވޯޑް މިއަހަރު ހާސިލްކުރީ ހެޑް އޮފް ބިޒްނަސް ސިސްޓަމްސް (ޓެކްނޮލޮޖީ ޑިވިޝަން) މިސްބާހް އަބްދުއް ރަޝީދެވެ. މިއީ 2025 ވަނަ އަހަރު މިސްބާހް ދެއްކެވި ފުރިހަމަ ހުނަރާއި ބޭންކަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު އެވޯޑެކެވެ. "ލީޑަރޝިޕް އެކްސެލެންސް އެވޯޑް" ހާސިލްކުރީ ހެޑް އޮފް ޕްރޮޕަޓީ (ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޝަން) ޔުޒްނާ ނަސީމް އެވެ.

ބީއެމްއެލްގެ ސްޓާފް އެވޯޑްސްގެ ތެރެއިން. / ފޮޓޯ: ބީއެމްއެލް.
ބޭންކުގެ ކުރިއެރުމަށާއި ދިގު މުއްދަތުގެ އިސްތިރާޖީ ކާމިޔާބީތަކަށް މުހިންމު ހިއްސާއެއް ވެދީފައިވާ ފަސް މުވައްޒަފަކަށް "ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިންގ އެޗީވްމަންޓް" ވަނީ ދީފަ އެވެ. މި އެވޯޑް ހާސިލްކުރި މުވައްޒަފުންނަކީ:
- މޫސާ މުންސިފް އަހުމަދު، ހެޑް އޮފް ސްޓްރެޓެޖީ އެންޑް ޗޭންޖް
- ހުޝާމް ސައީދު، ޑިރެކްޓަރު އޮފް ޓެކްނޮލޮޖީ
- ރަޝްފާ ޖައުފަރު، ޗީފް ކްރެޑިޓް އޮފިސަރު
- ހަސަން ޝާމް، ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރު
- އަދުލީ އަހުމަދު ދީދީ، ޗީފް އިންފޮމޭޝަން އޮފިސަރު
މި މުވައްޒަފުންނަކީ އެ ބޭފުޅުން މަސައްކަތްކުރައްވާ ދާއިރާތަކުގެ އިތުރުން، ބޭންކުގެ އިސްތިރާޖީ ރޭވުންތަކާއި، މަސައްކަތްތައް ތަންފީޒުކުރުމާއި، ވިޔަފާރީގެ ނަތީޖާ ހާސިލްކުރުމުގައި ނަމޫނާ ލީޑަޝިޕެއް ދައްކަވާފައިވާ ބޭފުޅުންނެވެ. މި ހަފުލާގައި ބޭންކުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތައް ކުރި މުވައްޒަފުންނަށް ޖުމްލަ 38 އެވޯޑެއް ދީފައިވެ އެވެ. މީގެ ތެރޭގައި އައުޓްސްޓޭންޑިން ޓީމް އެޗީވްމަންޓް، ޕްރޮޖެކްޓް އެކްސެލެންސް އަދި އިނޮވޭޝަން ކެޓަލިސްޓް ފަދަ ދާއިރާތައް ހިމެނެ އެވެ.
މި ހަފްލާގައި މުވައްޒަފުންނާ މުހާތަބުކުރައްވަމުން ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، 2025 ވަނަ އަހަރަކީ ބޭންކުގެ 43 އަހަރުވީ ތާރީހުގައި މިހާތަނަށް އެންމެ ކާމިޔާބު އަހަރު ކަމަށެވެ. "މިއީ ހަމައެކަނި މާލީ ގޮތުން ލިބުނު ކުރިއެރުމެއް ނޫން، މިއީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގައި ބޭންކުން އަދާކުރާ ދައުރު ފުޅާވަމުންދާކަމުގެ ހެއްކެއް. މި ކާމިޔާބީގެ އަސްލަކީ އަޅުގަނޑުމެންގެ މުވައްޒަފުންގެ ހީވާގިކަމާއި، ފަންނީ ގާބިލްކަމާއި، އަދި ކުރިއަށް ދިއުމަށް ކުރާ އުންމީދު،" ޝަރީފް ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާއެކު ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ އިތުރުން ރާއްޖޭގައި އެންމެ ގިނަބަޔަކަށް ވަޒީފާ ފޯރުކޮށްދޭ އެއް ތަނެވެ. ފާހަގަކޮށްލެވޭ ގޮތުގައި ބޭންކުގެ މުވައްޒަފުންގެ 99 އިންސައްތައަކީ ދިވެހިންނެވެ.









