އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުތަކަށް ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މިއަދު ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން އަތޮޅުތަކުގައި ގާއިމުކޮށްފައިވާ 347 ވޯޓުލާ މަރުކަޒަކަށް ބޭނުންވާ ސާމާނު ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ބޭނުންވާ ތަކެތި ފޮނުވަނީ ކަނޑުމަގުންނާއި ވައިގެމަގުންނެވެ. މި ތަކެތީގެ ތެރޭގައި ވޯޓު ފޮށިތަކާއި، ވޯޓު ކަރުދާހާއި، އޮފިޝަލުންނަށް ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް ހިމެނެއެވެ.
މިއަދު ވައިގެމަގުން ތަކެތި ފޮނުވަނީ ހއ، ރ، ތ، ލ، ގއ، ގދ، ސ. އަތޮޅުގެ އިތުރުން ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށެވެ. އަދި ކަނޑުމަގުން ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ހދ، ށ، ނ، ބ، ޅ، އއ، އދ، ވ، މ، ފ އަދި ދ. އަތޮޅަށެވެ. މި މަސައްކަތް ބެޗުތަކަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، މިރޭގެ ނިޔަލަށް މި އަތޮޅުތަކަށް ތަކެތި ފޮނުވައި ނިންމާލެވޭނެ ކަމަށް ކޮމިޝަނުން ލަފާކުރެއެވެ. ނަމަވެސް ކ. އަތޮޅުގެ ރަށްރަށަށް ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 އަދި 31 ގައެވެ.


މި ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ އެހީތެރިކަމާއެކުގައެވެ. ކުރިއަށް އޮތް އިންތިހާބުތަކުގައި ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ހައްފު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ ރައްޔިތުންވެސް، އެމީހަކު ރަޖިސްޓްރީވެފައިވާ ވޯޓު ފޮށީގެ މައުލޫމާތު ކުރިއާލައި ޗެކްކުރުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން VR (space) ID card number ޖެއްސެވުމަށްފަހު 1414 އަށް އެސްއެމްއެސް ކުރުމުން ވޯޓުލާންޖެހޭ ފޮއްޓާއި މަރުކަޒުގެ މައުލޫމާތު ސާފުވާނެއެވެ.








