އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ޑައިރެކްޓަރުގެ މަގާމަށް ޑޮނަލްޑް ޓްރަމްޕް އައްޔަންކުރައްވަން ނިންމަވާފައިވާ ކޭޝް ޕަޓޭލްގެ އަމިއްލަ އީމެއިލް އެކައުންޓްތަކަށް އީރާނުގެ ސަރުކާރުގެ ތާއީދު އޮންނަ ހެކަރުންތަކެއް ވަދެގަނެފައިވާކަން ހާމަވެއްޖެއެވެ.
މި ސައިބާ ހަމަލާއަކީ އެމެރިކާގެ އިސް އޮފިޝަލުންނަށް އަމާޒުކޮށް އީރާނުން ހިންގަމުންދާ ޖާސޫސީ ހަރަކާތްތަކުގެ ތެރެއިން ހިންގާފައިވާ ކަމެކެވެ. މި ހަމަލާ އަމާޒުވެފައިވަނީ ޓްރަމްޕްގެ ސަރުކާރުގެ އިސް މަގާމުތަކަށް އަންނާނެ ކަމަށް ބެލެވޭ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށާއި، އެމެރިކާގެ ސިޔާސީ ނިޒާމަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައެވެ.
ކޭޝް ޕަޓޭލް އަކީ ޑޮނަލްޑް ޓްރަމްޕްގެ ވަރަށް އަރިސް މީހެކެވެ. އޭނާގެ އަމިއްލަ އީމެއިލް ހެކްކޮށްފައިވާކަން މި އެނގުނީ، އެފްބީއައިގެ ވެރިޔާގެ މަގާމަށް އޭނާ އައްޔަންކުރާނެކަން ޓްރަމްޕް އިއުލާނުކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ. މީގެ ކުރިން ވެސް ޓްރަމްޕްގެ ކެމްޕޭނާ ގުޅުންހުރި އިސް ފަރާތްތަކެއްގެ އީމެއިލްތަކަށް އީރާނުން ހަމަލާދީފައިވާ ކަމަށް އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ވަނީ ބުނެފައެވެ.
އެމެރިކާގެ ސަލާމަތީ ބާރުތަކުން ގަބޫލުކުރާ ގޮތުގައި، އީރާނުން މިފަދަ ހަމަލާތައް ދެނީ އެމެރިކާގެ ކުރިއަށް އޮތް ސަރުކާރުގެ ސިޔާސަތުތަކަށް ހުރަސްއެޅުމަށާއި ދުރާލައި މައުލޫމާތު އެއްކުރުމަށެވެ. މި ހާދިސާއާ ގުޅިގެން ކޭޝް ޕަޓޭލްގެ ފަރާތުން އަދި ވަކި އެއްޗެއް ބުނެފައި ނުވާއިރު، އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ދަނީ މި މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންނެވެ.










