އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދިނުން މެދުކަނޑާލުމަށް ނިންމަވައި، ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި ދީފައިވާ ސުންގަޑި އިތުރުކޮށްދެއްވައިފިއެވެ.
ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނާއެކު ކުރިއަށްދާ މަޝްވަރާތައް ދަނީ "ވަރަށް ރަނގަޅަށެވެ." ނަމަވެސް، މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަވެ، ދާއިމީ ސުލްހައިގެ އެއްބަސްވުމަކާ ގާތަށް ދެވޭނެ ފަދަ މާބޮޑު ކުރިއެރުމެއް މިހާތަނަށް ފެންނާކަށް ނެތެވެ.
ހުރްމުޒް ކަނޑުއޮޅި ހުޅުވަން ޓްރަމްޕް ދީފައިވާ ޑެޑްލައިނަކީ އަންނަ މަހުގެ 6 އެވެ. މި ފިޔަވަޅަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެންދިޔަ ނުދިނުމަށާއި، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް ދިން ފުރުސަތެއްގެ ގޮތުގައި ވޮޝިންޓަނުން ބުނެއެވެ.
އެމެރިކާއިން ކުރިން އިންޒާރު ދީފައިވަނީ އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފިނަމަ، އެ ގައުމުގެ ތެޔޮ ސާފުކުރާ މަރުކަޒުތަކަށާއި ހަކަތަ އުފައްދާ ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށެވެ. މި ސުންގަޑި އިތުރުކުރި ނަމަވެސް، އީރާނުން ބުނަމުންދަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލަނީސް ދޫނުދޭނެ ކަމަށެވެ.
މި މައްސަލައިގައި ދުނިޔޭގެ ބޮޑެތި ބާރުތަކުން އަންނަނީ ދެ ފަރާތުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކޮށް، ހަނގުރާމައަކަށް ދިޔަނުދީ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.










