މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި، އާންމުންނަށް އަމާޒުކޮށްދޭ ހަމަލާތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ބުނެ ރާއްޖެއިން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައިފި އެވެ.
ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގެ 61 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުން، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދުނިޔޭގެ ގައުމުތަކުން މިހާރަށްވުރެ ބޮޑަށް ބާރުއަޅަންޖެހޭ ކަމަށެވެ.
މި ބައްދަލުވުމުގައި ރާއްޖެއިން ވަނީ ސައުދީ އަރަބިއްޔާ، ގަތަރު، އުރުދުން، އޮމާން، ކުވެއިތު އަދި ޔޫއޭއީ ހިމެނޭހެން، އާންމުންނާ ގުޅުންހުރި އުމްރާނީ ވަސީލަތްތަކަށް ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. ރާއްޖޭގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން ތެލާއި ކާބޯތަކެތީގެ އަގު އުފުލި، ދުނިޔޭގެ ވިއުގަތަކާއި ކަނޑާއި ވައިގެ ދަތުރުފަތުރަށް އިންތިހާއަށް ބުރޫއަރަމުންދާތީ އެކަމުގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތެވެ.
މީގެ އިތުރުން، އދ. ގެ ޗާޓަރާ އެއްގޮތްވާ ގޮތުގެ މަތިން ބާރުގެ ބޭނުންކުރުމުގެ ބަދަލުގައި، ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުމަށް އިސްކަންދިނުމަށް ރާއްޖެއިން ވަނީ ގޮވާލާފަ އެވެ. އަދި އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ އެއްގޮތަށް ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ބާރުއަޅައި، ހާރިޖީ ގުޅުންތަކާއި މަޝްވަރާގެ ތެރެއިން ދާއިމީ ސުލްހައެއް ގާއިމުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ މަސައްކަތްތައް ހަލުވިކުރުމަށް ރާއްޖެއިން ލަފާދީފައިވެ އެވެ.
މި ބައްދަލުވުމުގައި ހުޅުވާލި ކުއްލި ބަހުސްގެ ތެރެއިން ހުށަހެޅުނު "ހިއުމަން ރައިޓްސް އިމްޕްލިކޭޝަން އޮފް ދަ އިސްލާމިކް ރިޕަބްލިކް އޮފް އިރާންސް އަންޕްރޮވޯކްޑް އެޓޭކްސް" ގަރާރުގައި ރާއްޖެއިން ވަނީ ކޯ-ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވެފައެވެ.
މެދުއިރުމަތީގެ މަސްރަހު ގޯސްވެފައިވަނީ އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން، އީރާނުން މިދިޔަ މަހުގެ 28 އިން ފެށިގެން ދޭން ފެށި ރައްދު ހަމަލާތަކާ ގުޅިގެންނެވެ. އިޒްރޭލުން އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދިނުމާ ގުޅިގެން، އީރާނުން ވަނީ ގަލްފުގެ ބައެއް ގައުމުތަކުގެ ތެލާއި ގޭސް އުފައްދާ ކާރުހާނާތަކަށްވެސް ހަމަލާ އަމާޒުކޮށްފަ އެވެ.









