ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތްތައް ބައިނަލްއަގްވާމީ މައިދާނަށް ފުޅާކުރުމުގެ ގޮތުން، ސްރީލަންކާގައި އެ ބޭންކުގެ ބުރާންޗެއް ހުޅުވުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މިހާރު ހުށަހަޅާފައިވާކަމަށް ބީއެމްއެލްއިން ހާމަކޮށްފި އެވެ.
ދައުލަތުގެ މީޑިއާ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ލަންކާގައި ބުރާންޗެއް ހުޅުވުމުގެ ހުއްދައަށް އެދި އެ ގައުމުގެ ސެންޓްރަލް ބޭންކަށް މިހާރު ޕްރޮޕޯސަލްތައް ހުށަހަޅާފައިވާ ކަމަށެވެ. ޝަރީފް ވިދާޅުވި ގޮތުގައި ސްރީލަންކާގައި ބީއެމްއެލްގެ ބުރާންޗެއް ހުޅުވިދާނެ ކަމުގެ ފުރިހަމަ އިތުބާރު ބޭންކަށް އެބައޮތެވެ.
ރާއްޖޭން ބޭރުގައި ބޭންކުގެ ހިދުމަތް ފެށުމަށްޓަކައި ބަލަންޖެހޭ މުހިންމު ކަންތައްތަކަށް އަލިއަޅުއްވާލައްވަމުން ސީއީއޯ ވިދާޅުވީ، ބޭރު ގައުމުތަކުގައި ބުރާންޗެއް ހުޅުވާއިރު ކެޕިޓަލް ރިކުއާމެންޓް ނުވަތަ ބޭންކުގެ ރައުސުލްމާލު ވަރުގަދަވާންޖެހޭ ކަމަށެވެ. ބީއެމްއެލްގެ ކެޕިޓަލް މިހާރު 16 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، ބައިނަލްއަގުވާމީ މައިދާނަށް ނުކުންނައިރު އެއަށްވުރެ ވެސް ރައުސުލްމާލު ރަނގަޅުކުރަން ޖެހޭކަން ސީއީއޯ ފާހަގަކުރެއްވި އެވެ.
ބީއެމްއެލްގެ މާލީ ހާލަތަށް ބަލާއިރު، 2025 ވަނަ އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ. ބޭންކުގެ ޖުމްލަ އެސެޓް މިހާރު ވަނީ 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި ނިމިދިޔަ އަހަރަކީ ބޭންކުގެ ތާރީހުގައިވެސް އެންމެ ގިނަ އަދަދަކަށް ލޯނު ދޫކުރި އަހަރެވެ. އެގޮތުން އިގްތިސާދުގެ އެކި ސިނާއަތްތަކަށް 10 ބިލިއަން ރުފިޔާގެ ލޯނާއި ފައިނޭންސިން ވަނީ ދޫކޮށްފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ގޮތުގައި އޮތް ބީއެމްއެލްއިން މިހާރުވެސް އަންނަނީ ރާއްޖޭގެ 18 އަތޮޅެއްގައި 42 ބްރާންޗާއި 179 ސެލްފް ސާވިސް ސެންޓަރު ހިންގަމުންނެވެ. އަދި ވޭތުވެދިޔަ އަހަރު އެކަނިވެސް 30,000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅިފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް ވަނީ 16 އިންސައްތަ އިތުރުވެފަ އެވެ.
ބީއެމްއެލްއިން ބޭރު ގައުމެއްގައި ބުރާންޗެއް ހުޅުވުމަށް ކުރާ މި މަސައްކަތަކީ ބޭންކުގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ދިވެހި ބޭންކިންގ ދާއިރާ އާ ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.










