ސަރުކާރުން މި މަހުގެ ތެރޭގައި ފަށާ ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ބޭނުންވާ ޕާޓް ޓައިމް ޑްރައިވަރުން، ޓެކްސީ ލައިންގެ ޕޫލްގައި ރަޖިސްޓްރީވުމަށް މިހާރު ހުޅުވާލާފައިފި އެވެ.
އެކަމާއި ގުޅިގެން ޓެކްސީލައިންގެ މަސައްކަތާއި ހަވާލުވެފައިވާ ކުންފުނި އެމްޓީސީސީން ބުނީ މާލޭ ޓެކްސީ ލައިން ހިދުމަތް އާއްމުންނަށް ފޯރުކޮށް ދިނުމަށް ބޭނުންވާ ޕާޓްޓައިމް ޑްރައިވަރުން ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ޓެކްސީލައިންގެ ޑްރައިވަރުން، ޕޯޓަލް މެދުވެރިކޮށް ޕޫލްގައި ރަޖިސްޓްރީވެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސިން ވަނީ މި ފަހުން ޑުރައިވަރުން ހޯދުމަށް ޓަކައި ވޯކިން އިންޓަވިއުތަކެއް އިއުލާނުކޮށްފަ އެވެ. ހަމައެހެންމެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް އެކުންފުނިން ވަނީ ޓެކްސީ ލައިނުގައި މަސައްކަތްކުރާނެ ޑްރައިވަރުން ހޯދަން އިއުލާނުކޮށްފަ އެވެ. އޭރު އެމްޓީސީސީން ބުނީ ހިދުމަތަށް 407 ޑްރައިވަރުން ބޭނުންވާ ކަމަށެވެ. އަދި އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދީ ޕާޓް ޓައިމްކޮށް މަސައްކަތްކުރާ ގޮތަށް ކަމަށެވެ.


ނަމަވެސް އެ ފަހަރު ކުރިމަތިލީ 366 ޑްރައިވަރުންނެވެ. އޭގެ ތެރެއިން 188 އެޕިލިކޭޝަން ހުށަހަޅާފައި ވަނީ ފުލް ޓައިމްކޮށް މަސައްކަތް ކުރުމަށެވެ. އަދި ޕާޓް ޓައިމްކޮށް މަސައްކަތް ކުރުމަށް ހުށަހެޅީ 178 އެޕްލިކޭޝަނެކެވެ.
ޓެކްސީގެ ހިދުމަތް ފެށުމުގައި މިހާތަނަށް ލަސްތަކެއް ކުރިމަތިވީ ނަމަވެސް ވަރަށް އަވަހަށް އެ ހިދުމަތް ލޯންޗުކުރާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ. އެގޮތުން އިއްޔެ ވަނީ ޓެކްސީ ލައިންއަށް ގުޅޭނެ ނަމްބަރު ވެސް އެ ކުންފުނިން ތައާރަފްކޮށްފަ އެވެ. ޓެކްސީ ލައިން ގުޅޭނެ ނަމްބަރަކީ 1655 ކެވެ.
ސަރުކާރުން އިސްނަގައިގެން ފެށުމަށް ތައްޔާރުވަމުންދާ ޓެކްސީ ލައިނުގެ ހިދުމަތަކީ އެޕްލިކޭޝަނެއް މެދުވެރިކޮށް 24 ގަޑިއިރު ދެވޭނެ ހިދުމަތެެކެވެ.
އެގޮތުން އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭން ކަނޑައަޅާފައި ވަނީ އިލެކްޓްރިކް ވެހިކަލް ބޭނުންކޮށްގެންނެވެ. ޓެކްސީލައިންގެ ހިދުމަތް ދިނުމަށް ބޭނުންކުރާނެ އެޕްލިކޭޝަން ފަރުމާކޮށްފައި ވަނީ ބޭރު ގައުމުތަކުގައި ބޭނުންކުރާ އޫބާ އާއި ގްރޭބް ފަދަ ހިދުމަތްތަކާ އެއްގޮތަށެވެ.
މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އެންމެ ފުރަތަމަ ހިދުމަތަށް ނެރޭނީ 100 އުޅަނދު ކަމަށެވެ. އަދި އެ ޓެކްސީތަކުގެ ތެރޭގައި ހަނި ގޯޅިތަކަށް ވަދެވޭ ފަދަ ކުދި ޓެކްސީ ހުންނާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.







