ދިވެހިރާއްޖޭގެ އިންތިހާބީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނައުމަށްޓަކައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ގުޅިގެން ސިޔާސީ މައިދާނުގައި ބޮޑު ބަހުސެއް ވަނީ ފެށިފައެވެ. ނަމަވެސް މި ބަހުސުގެ ތެރޭގައި އެންމެ ކަންބޮޑުވާން ޖެހެނީ އިދިކޮޅު އެމްޑީޕީން ގަސްތުގައި ރައްޔިތުންނަށް މި ބިލުގެ ހަގީގަތް އޮޅުވާލައި، ސިޔާސީ ފައިދާ ނެގުމަށް މަސައްކަތް ކުރަމުންދާ ގޮތާ މެދުގައެވެ. މި ރިޕޯޓުގައި ބަލާލާނީ ބިލުގެ ހަގީގަތާއި، އެމްޑީޕީގެ ދެފުށް ދެގޮތް ސިޔާސަތާއި، މި ބަދަލުން ރައްޔިތުންނަށް ލިބޭނެ ފައިދާތަކަށެވެ.
ބިލުގެ ހަގީގަތް: "އެއްކުރުމެއް" ނޫން، އެއް ދުވަހެއްގައި ބޭއްވުން
އެންމެ ފުރަތަމަ ސާފުކުރަން ޖެހޭ އެންމެ މުހިންމު ނުކުތާއަކީ ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ މަގުސަދެވެ. މި ބިލަކީ ދެ އިންތިހާބު "އެއްކޮށްލާ" ބިލެއް ނޫނެވެ. މި ބިލުގެ ދަށުން ހުށަހަޅާފައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމެވެ. މި ދެ ކަމުގެ ތަފާތު ބޮޑެވެ.
ދެ އިންތިހާބު "އެއްކޮށްލުން" ނަމަ، އެއީ ދެ އިންތިހާބު އެކައްޗަކަށް ހެދުމެވެ. ނަމަވެސް މި ބިލުގައި ހުށަހެޅިފައިވާ ގޮތުން ރިޔާސީ އިންތިހާބަކީ ވަކި އިންތިހާބެކެވެ. މަޖިލިސް އިންތިހާބަކީ ވަކި އިންތިހާބެކެވެ. ކޮންމެ އިންތިހާބަކަށް ވަކި ވޯޓު ކަރުދާހެއް އޮންނާނެއެވެ. ކޮންމެ އިންތިހާބެއްގެ ނަތީޖާ ވަކިން އިއުލާނު ކުރެވޭނެއެވެ. ހަމައެކަނި ބަދަލަކީ މި ދެ އިންތިހާބު ބާއްވާ ތާރީހު އެއް ދުވަހަކަށް ވުމެވެ.
ނަމަވެސް އެމްޑީޕީން ގަސްތުގައި މި ތަފާތު އޮޅުވާލައި، ދެ އިންތިހާބު "އެއްކޮށްލަނީ" ކަމަށް ބުނެ ރައްޔިތުންގެ ހިތުގައި ނުބައި ތަސައްވުރެއް އުފައްދަން ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ފާޅުކަން ބޮޑު މިސާލެކެވެ.
ގާނޫނީ އޮނިގަނޑު: ބިލުގައި ހިމެނޭ ބަދަލުތައް
މަޖިލީހަށް ހުށަހެޅި ބިލުގައި ފާހަގަކޮށްފައިވާ ގޮތުން، ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނީ ގާނޫނު އަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާ އެކުގައެވެ. މީގެ މާނައަކީ ދެ ބާރުގެ ދައުރު އެއްކޮށް ފެށި އެއްކޮށް ނިމުމެވެ. މިއީ "ކޯ-ޓާމިނަސް" އުސޫލެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމާ އެކު މަޖިލިސް އުވޭނެއެވެ. މި ބަދަލާ އެކު މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވެގެންދާނެ ނަމަވެސް، މިއީ ދިގު މުއްދަތެއްގެ ފައިދާއަށްޓަކައި ގެންނަ ބަދަލެކެވެ.
އެމްޑީޕީގެ ދެފުށް ދެގޮތް ސިޔާސީ ކުޅިގަނޑު
އެމްޑީޕީން މި ބިލާ ދެކޮޅަށް އަޑު އުފުލާއިރު، ދިވެހި ރައްޔިތުން ހަނދާން ނެތިގެން ނުވާނެ ވަރަށް މުހިންމު ހަގީގަތެއް އެބައޮތެވެ. އެއީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ހުދު އެމްޑީޕީން ކުރިން ތާއީދުކުރި ކަމެއް ކަމެވެ. ވެރިކަމުގެ ބާރުގައި ތިބިއިރު، އިންތިހާބީ ހަރަދު ކުޑަކުރުމާއި ނިޒާމު ހަރުދަނާކުރުމުގެ ނަމުގައި މި ފިކުރު ކުރިއެރުވުމަށް އެމްޑީޕީގެ ތެރެއިން ތާއީދު ކުރެވުނެވެ.
ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ލޯކަލް ކައުންސިލް އިންތިހާބު ބޯމަވެތިވެފައިވަނިކޮށް 14 ޖެނުއަރީ 2020 ގައި ހދ. ނޮޅިވަރަމަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަދައްކަވަމުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އަދި ކައުންސިލް އިންތިހާބު އެކީގައި ބާއްވަން ފެނިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ. އެދުވަހުގެ ވާހަކަތަކަށް އަތްޖައްސަވަން ތިބީ މިއަދު ދެ އިންތިހާބު އެކީގައި ބޭއްވުން ގޯސްކަމަށް ބުނެ ވާހަކަދައްކަމުންދާ އެމްޑީޕީ ލީޑާޝިޕެވެ.
ނަމަވެސް މިއަދު ވެރިކަމުގައި ނެތީމައި ކުރިން ރަނގަޅު ކަމަށް ދެކުނު ކަމެއް ކުއްލިއަކަށް ގައުމީ ކާރިސާއަކަށް ބަދަލުވެ، ޑިމޮކްރެސީ ނެތިދާ ކަމެއްގެ ގޮތުގައި ސިފަކުރަން ފެށީއެވެ. މިއީ ދެފުށް ދެގޮތް ސިޔާސީ ކުޅިގަނޑެއް ނޫނީ ދެން ކޯއްޗެއް ހެއްޔެވެ؟
ހަގީގަތަކީ އެމްޑީޕީގެ ދެކޮޅު ހެދުމުގެ އަސްލު ސަބަބަކީ ޕޮލިސީ ކަންބޮޑުވުމެއް ނޫން ކަމެވެ. ވެރިކަމުގައި ނެތް ދުވަހެއްގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވިއްޖެ ނަމަ، ރިޔާސީ ކެންޑިޑޭޓާ ނުލައި ވަކިން މަޖިލިސް އިންތިހާބެއް ބާއްވައިގެން ގޮނޑި ހޯދުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ ބިރެވެ. ސިޔާސީ ފައިދާއަށްޓަކައި ގައުމީ މަސްލަހަތު ގުރުބާންކުރުމަކީ އެމްޑީޕީން ކުރިންވެސް ދައްކާފައިވާ ކުޅިގަނޑެކެވެ. ޕޮޒިޝަން ބަދަލުކުރުމުގެ މި ތާރީހީ ޕެޓާން ރައްޔިތުންނަށް ވަރަށް ރަނގަޅަށް ސާފުވެ އެވެ.
އެމްޑީޕީގެ ބަހަނާތަކާއި ހަގީގީ ރައްދު
ބަހަނާ 1: "އިންތިހާބު ވަގަށް ނެގުން"
އެމްޑީޕީން ދައްކާ އެންމެ ބޮޑު ބަހަނާއަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އިންތިހާބު "ވަގަށް ނެގުމުގެ" ފުރުސަތު އޮތް ކަމަށް ބުނާ ބުނުމެވެ. ނަމަވެސް ރާއްޖޭގެ އިންތިހާބީ ނިޒާމުގެ ހަގީގަތަށް ބަލާއިރު، މި ތުހުމަތު ބިނާވެފައި ވަނީ ހަގީގަތެއް ނެތް ބިރުވެރިކަމެއްގެ މައްޗަށެވެ.
ރާއްޖޭގެ އިންތިހާބީ ނިޒާމު ބައްޓަންވެފައި ވަނީ ދެފުށް ފެންނަ ވަރުގަދަ އުސޫލުތަކެއްގެ މައްޗަށެވެ. ކޮންމެ ވޯޓު ފޮއްޓެއްގެ ކައިރީގައި ކެންޑިޑޭޓުންގެ މަންދޫބުންނާއި މިނިވަން އޮބްޒާވަރުން ތިބެ ވޯޓުލުމާއި ގުނުމުގެ މުޅި މަރުހަލާ ސީދާ ބަލަމުންދެއެވެ. ވޯޓު ގުނާ ނިމުމާ އެކު އެ މަރުކަޒެއްގައި ވަގުތުން ނަތީޖާ އިއުލާނުކޮށް ޝީޓުތައް އާންމު ކުރެއެވެ. އަތުން ފާހަގަ ޖަހާ ކަރުދާސް ވޯޓު ބޭނުންކުރުމާ އެކު، ނަތީޖާއަށް ނުފޫޒު ފޯރުވުމަކީ ނިޒާމީ ގޮތުން ފަސޭހަ ކަމެއް ނޫނެވެ.
އެންމެ މުހިންމު ހެއްކަކީ ދިވެހިރާއްޖޭގެ ތާރީހުގައި ވެރިކަން ކުރާ ޕާޓީ އިންތިހާބުން ބަލިވެ، އެ ނަތީޖާ ގަބޫލުކޮށް، އަމާންކަމާ އެކު ވެރިކަން ބަދަލުވެފައިވުމެވެ. މިއީ ނިޒާމުގެ ވަރުގަދަކަމާއި އިންސާފުވެރިކަމުގެ ދިރިހުރި ހެއްކެވެ. ދެ ވޯޓު ކަރުދާސް ދޫކުރެވުނު ނަމަވެސް، މިހާރު އޮތް މޮނިޓަރިން ނިޒާމުގެ ތެރެއިން ކޮންމެ ވޯޓު ކަރުދާހެއްގެ ސައްހަކަން ވަކިން ކަށަވަރު ކުރެވޭނެއެވެ. ވީމާ "ވަގަށް ނެގުމުގެ" ވާހަކައަކީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް ދައްކާ ހަގީގަތެއް ނެތް ވާހަކައެކެވެ.
ބަހަނާ 2: "ބާރުތައް އެއް ޕާޓީއެއްގެ މުށުތެރެއަށް ޖަމާވުން"
އެމްޑީޕީން ދައްކާ ދެވަނަ ބަހަނާއަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރިޔާސީ އިންތިހާބު ކާމިޔާބުކުރާ ޕާޓީއަކަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބި، ހުރިހާ ބާރުތަކެއް ޖަމާވާނެ ކަމަށް ބުނާ ބުނުމެވެ. ނަމަވެސް ތާރީހީ ހެކިތައް ދައްކާ ގޮތުން، ވަކިން އިންތިހާބު ބޭއްވިޔަސް ނަތީޖާ ތަފާތެއް ނުވެއެވެ.
2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ރިޔާސީ އިންތިހާބު ކާމިޔާބުކުރި އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ލިބުނެވެ. 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައިވެސް ރިޔާސީ އިންތިހާބު ކާމިޔާބުކުރި ޕާޓީއަށް ބޮޑު އަގުލަބިއްޔަތެއް ލިބުނެވެ. ސަބަބަކީ ރިޔާސީ އިންތިހާބު ނިމޭތާ މަދު މަސްކޮޅެއްގެ ތެރޭގައި މަޖިލިސް އިންތިހާބު ބޭއްވުމުން، "ހަނީމޫން އިފެކްޓް" ގެ ސަބަބުން ރައްޔިތުން ސަރުކާރާ އެއް ކޮޅަށް ވޯޓު ދިނުމެވެ.
ވީމާ، ވަކިން އިންތިހާބު ބޭއްވިޔަސް ނަތީޖާ ބަދަލެއް ނުވެއެވެ. މިހާރުވެސް ވެރިކަމަށް އަންނަ ޕާޓީއަކަށް މަޖިލީހުގެ ބޮޑު ބައި ލިބެއެވެ. ތަފާތަކީ ހަމައެކަނި ދައުލަތުގެ ބަޖެޓުން ދެ ފަހަރު ބޮޑު ހޭދައެއް ކުރެވޭ ކަމެވެ. އެހެންކަމުން "ބާރު ޖަމާވާނެ" ކަމަށް ބުނެ ދައްކާ ވާހަކައަކީ ހަގީގަތާ ހިލާފު ބަހަނާއެކެވެ.
އެއާ ހިލާފަށް، ބައެއް ދިރާސާވެރިން ފާހަގަކުރާ ގޮތުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، ރައީސަކު ހޮވުމުގެ ކުރިން ސަރުކާރުގެ މަސައްކަތްތަކުގެ "ހަނީމޫން" ދައުރު ނުފެށޭތީ، ރައްޔިތުންގެ ވޯޓު ބައިބައިވެ، ސަރުކާރާ ދެކޮޅު ކެންޑިޑޭޓުންނަށްވެސް ފުރުސަތު ހުޅުވިގެންދެއެވެ. މީގެ ސަބަބުން "ޗެކް އެންޑް ބެލެންސް" ހަރުދަނާވުމުގެ ފުރުސަތުވެސް ބޮޑެވެ.
ބަހަނާ 3: "އިދާރީ އޮޅުންބޮޅުން އުފެދޭނެ"
ތިންވަނައަށް އެމްޑީޕީން ދައްކާ ބަހަނާއަކީ ދެ ވޯޓު ކަރުދާސް ދޫކުރުމުން އިދާރީ އޮޅުންބޮޅުން އުފެދޭނެ ކަމަށް ބުނާ ބުނުމެވެ. ނަމަވެސް ދުނިޔޭގެ ގިނަ ޑިމޮކްރެޓިކް ގައުމުތަކުގައި މިއީ އާ ކަމެއް ނޫނެވެ.
އިންޑިއާގައި އެއް ދުވަހެއްގައި ޕާލަމެންޓު އިންތިހާބާއި ސްޓޭޓް އެސެމްބްލީ އިންތިހާބު ބާއްވައެވެ. ބްރެޒިލްގައި ރައީސް، ގަވަރުނަރުން، ސެނެޓު، ފެޑެރަލް ޗެމްބަރު، އަދި ސްޓޭޓް އެސެމްބްލީ ހޮވުމުގެ ވޯޓު އެއް ދުވަހެއްގައި ބާއްވައެވެ. ފިލިޕީންސްގައިވެސް ރައީސާއި ނައިބު ރައީސާއި ސެނެޓަރުންނާއި ކޮންގްރެސް މެންބަރުންނާއި ލޯކަލް އޮފިޝަލުން ހޮވުމުގެ ވޯޓު އެއް ދުވަހެއްގައި ބާއްވައެވެ. ފަސް ހަ ވޯޓު ކަރުދާސް އެއް ދުވަހެއްގައި ބޭނުންކުރާ ގައުމުތައް އެބަ ހުއްޓެވެ. ރާއްޖެއިން މި ހުށަހަޅަނީ ދެ ވޯޓު ކަރުދާހެވެ.
ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނަކީ ގާނޫނުއަސާސީން މިނިވަންކަން ކަށަވަރުކޮށްދީފައިވާ، ގާބިލު މުއައްސަސާއެކެވެ. ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމެނޭހެން "ގައުމީ ލަފާދޭ ކޮމިޓީ" މެދުވެރިކޮށް މަސައްކަތްކުރާ ކޮމިޝަނެއް ދެ ވޯޓު ކަރުދާސް ބެލެހެއްޓުމުގެ ގާބިލުކަން ނެތް ކަމަށް ބުނުމަކީ އެ މުއައްސަސާއަށް ކުރެވޭ ބޮޑު ބޭއިންސާފެކެވެ. ކޮމިޝަނުގެ ގާބިލުކަމާ މެދު ސުވާލު އުފެއްދުމަށް ވުރެ، ކޮމިޝަން ހަރުދަނާ ކުރުމަށް އެއްބާރުލުން ދިނުން މާ ރަނގަޅެވެ.
އެމްޑީޕީން އޮޅުވާލަން މަސައްކަތް ކުރާ ގޮތް
އެމްޑީޕީގެ އޮޅުވާލުމުގެ ސްޓްރެޓެޖީ ބިނާވެފައި ވަނީ ވަރަށް ސާދާ އެކަމަކު ނުރައްކާ ފޯމިއުލާއެއްގެ މައްޗަށެވެ. އެއީ "ދެ އިންތިހާބު އެއްކޮށްލަނީ" ކަމަށް ބުނެ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމެވެ. ނަމަވެސް ހަގީގަތަކީ ދެ އިންތިހާބު ވަކިން ހިނގާނެ ކަމެވެ. ކޮންމެ އިންތިހާބެއްގެ ކެންޑިޑޭޓުން ވަކިން ކުރިމަތިލާނެ ކަމެވެ. ވޯޓު ކަރުދާސް ވަކިވާނެ ކަމެވެ. ނަތީޖާ ވަކިން އިއުލާނު ކުރެވޭނެ ކަމެވެ. ހަމައެކަނި ބަދަލަކީ ބޭއްވޭ ތާރީހު އެއް ދުވަހަކަށް ވުމެވެ.
ނަމަވެސް ސޯޝަލް މީޑިއާގައި އެމްޑީޕީގެ އެކްޓިވިސްޓުން ފަތުރަމުންދަނީ މުޅިން ތަފާތު ވާހަކައެކެވެ. "ޑިމޮކްރެސީ ނެތިދަނީ" ކަމަށާއި "ރައްޔިތުންގެ ބާރު ފޭރެނީ" ކަމަށާއި "ހުދުމުހުތާރު ވެރިކަމެއް ގާއިމު ކުރަނީ" ކަމަށް ބުނެ ބިރުވެރިކަމުގެ ނެރެޓިވެއް ފަތުރަމުންނެވެ. މީ ހައްތަހާވެސް ސިޔާސީ ކެމްޕޭން ބަސްމަގެވެ. ހަގީގަތާ ގުޅުމެއް ހުރި ވާހަކަތަކެއް ނޫނެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރެސީތަކުގައި އެއް ދުވަހެއްގައި ގިނަ އިންތިހާބު ބޭއްވުމަކީ އާންމު ކަމެއް ކަމަށް ވީއިރު، ދިވެހިރާއްޖޭގައި މިކަން ކުރުމުން ޑިމޮކްރެސީ ނެތިދާ ކަމަށް ބުނުމަކީ ޖޯކެކެވެ.
ވޯޓާސް ޓާންއައުޓް: ގިނަ ރައްޔިތުން ބައިވެރިވުމުގެ ފުރުސަތު
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ އެންމެ ބޮޑު އެއް ފައިދާއަކީ ވޯޓުލާ މީހުންގެ އަދަދު އިތުރުވާނެ ކަމެވެ. ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ ނިސްބަތް މަޖިލިސް އިންތިހާބަށް ވުރެ ފާހަގަކުރެވޭ ވަރަށް އިތުރެވެ. ގިނަ ރައްޔިތުންނަށް ރިޔާސީ އިންތިހާބު ކަމަށް ފެންނަނީ އެންމެ މުހިންމު ވޯޓެވެ. މީގެ ނަތީޖާއެއްގެ ގޮތުން މަޖިލިސް އިންތިހާބުގެ ޓާންއައުޓް ދަށްވެ، ރައްޔިތުންގެ ބައެއްގެ އަޑު ގެއްލިގެންދެއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވޭ ނަމަ، ރިޔާސީ އިންތިހާބަށް ވޯޓުލާން ދާ ކޮންމެ މީހަކަށް، ހަމަ އެ ދުވަހު މަޖިލީހުގެ ވޯޓުވެސް ލެވޭނެއެވެ. ވަކިން ދެ ދުވަހެއްގައި ދެ ފަހަރު ވޯޓުލާ މަރުކަޒަށް ދާން ނުޖެހޭނެއެވެ. ހާއްސަކޮށް ރަށްރަށުން ވޯޓުލާ ރަށާ ތަފާތު ތަނެއްގައި ރީ-ރަޖިސްޓާ ކޮށްގެން ވޯޓުލާ މީހުންނަށް ދެ ފަހަރު ދަތުރުކުރުމުގެ ބަދަލުގައި އެއް ފަހަރު ދަތުރުކޮށް ދެ ވޯޓުވެސް ލެވޭނެއެވެ.
މިއީ ޑިމޮކްރެޓިކް ބައިވެރިވުން އިތުރުކުރުމަށް ލިބޭ ބޮޑު ފުރުސަތެކެވެ. ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކާ ކަމަށް ދައުވާ ކުރާ ޕާޓީއެއް ނަމަ، ގިނަ ރައްޔިތުން ވޯޓުލުމަށް ފެންނާނީ ރަނގަޅު ކަމެއްގެ ގޮތުގައެވެ. ނަމަވެސް ގިނަ ރައްޔިތުން ވޯޓުލައި، ހަގީގީ ރައްޔިތުންގެ ނިންމުން ނުކުތުމަށް އެމްޑީޕީ ބިރުގަންނަ ކަމީ ފެންނާން އޮތް ހަގީގަތެކެވެ.
އިގްތިސާދީ ފައިދާ: ތަފާސްހިސާބުތައް ހެކިދޭ ގޮތް
ދެ އިންތިހާބު ވަކިވަކިން ބޭއްވުމަކީ ދައުލަތުގެ މާލިއްޔަތަށް ބޮޑު ބުރައެއްކަން ތަފާސްހިސާބުތަކުން ވަރަށް ސާފެވެ. 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ބުރަށް ގާތްގަނޑަކަށް 180 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވިއެވެ. 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށް 120 މިލިއަނާ ގާތްކުރާ އަދަދަކަށް ބަޖެޓު ކުރެވުނެވެ. ޖުމުލަ 300 މިލިއަނެއްހާ ރުފިޔާ ދެ އިންތިހާބަށެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، އޮފިޝަލުން ތަމްރީނުކުރުމާއި، ވޯޓުލާ މަރުކަޒުތަކުގެ ކުއްޔާއި، ދަތުރުފަތުރުގެ ހަރަދުތައް ބޮޑު ތަނުން ކުޑަވާނެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން އަންދާޒާ ކުރެވޭ ގޮތުގައި ގާތްގަނޑަކަށް 100 މިލިއަނާއި 150 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ސަލާމަތް ކުރެވޭނެއެވެ.
މަޖިލީހުގައި މި ބިލާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވިދާޅުވީ މި ބަދަލުން ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 80 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. 80 މިލިއަން ނުވަތަ 150 މިލިއަން ވިޔަސް، މިއީ ރާއްޖެ ފަދަ ކުޑަ އިގްތިސާދަކަށް ބޮޑު ހަރަދެކެވެ. މި ފައިސާ ސިއްހީ ހިދުމަތަށް، ތައުލީމަށް، ނުވަތަ އިންފްރާސްޓްރަކްޗާ ތަރައްގީއަށް ހޭދަ ކުރެވޭނެއެވެ.
އެއާ ޚިލާފަށް، ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް އިންތިހާބީ މޯޑެއްގައި ގައުމު އޮތުމަކީ ގައުމީ އުފެއްދުންތެރިކަމަށް ލިބޭ ގެއްލުމެކެވެ. ސަރުކާރު މެޝިނަރީ އިންތިހާބަށް ތައްޔާރުވުމާއި، ސިޔާސީ ނުތަނަވަސްކަމާއި، ވިޔަފާރިތައް މަޑުޖެހުމާ، މި ހުރިހާ ކަމަކީ ވަކިވަކިން އިންތިހާބު ބޭއްވުމުގެ ފޮރުވިފައިވާ ހަރަދެވެ. ފަސް އަހަރުން އެއް ފަހަރު އިންތިހާބީ ކަންކަން ނިންމާލައި، ބާކީ ހަތަރު އަހަރު ތަރައްގީއާއި ހެޔޮ ވެރިކަމާއި ގައުމު ބިނާކުރުމަށް ސަމާލުކަން ދެވުމަކީ ރާއްޖޭގެ އިގްތިސާދީ ހާލަތަށް ބަލާއިރު ނުހަނު ބޭނުންތެރި ބަދަލެކެވެ.
ސިޔާސީ ބަހަނާތައް ދޫކޮށް ގައުމީ މަސްލަހަތަށް ވިސްނުން
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ އިންތިހާބީ ނިޒާމު ހަރުދަނާކުރުމަށާއި ދައުލަތުގެ ހަރަދު ކުޑަކުރުމަށާއި ރައްޔިތުންގެ ޑިމޮކްރެޓިކް ބައިވެރިވުން އިތުރުކުރުމަށް ގެންނަ ގައުމީ ފެންވަރުގެ އިސްލާހެކެވެ. ދެ އިންތިހާބު "އެއްކޮށްލުމެއް" ނޫނެވެ. ބޭއްވޭ ތާރީހު އެއް ދުވަހަކަށް ހެދުމެވެ. ދެ އިންތިހާބު ވަކިން ހިނގާނެއެވެ.
އެމްޑީޕީގެ ދެކޮޅު ހެދުމަކީ ގައުމީ މަސްލަހަތެއްގައި ބިނާވެފައިވާ ކަންބޮޑުވުމެއް ނޫންކަން ތާރީހު ހެކިދެއެވެ. ވެރިކަމުގައި ތިބިއިރު ތާއީދުކުރި ކަމެއް، ވެރިކަމުން ބޭރުވީމައި ދެކޮޅު ހެދުމަކީ ސިޔާސީ އެދުން ނޫން އިތުރު އެއްޗެއް ނޫނެވެ. ހަގީގީ ކަންބޮޑުވުމެއް ހުރި ނަމަ، ބިލު ކޮމިޓީ މަރުހަލާގައި ހެޔޮ ބަދަލުތައް ހުށަހެޅުން މާ ބުއްދިވެރިވީހެވެ. އެކަމަކު ކުރަން ބޭނުންވާ ކަމަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވައި، ސިޔާސީ ތާއީދު ހޯދުމެވެ.
ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރަން ބޭނުންވަނީ ސިޔާސީ ބަހަނާތަކާއި ބިރުވެރިކަމުގެ ނެރެޓިވްތަކުގެ ދަންތުރައިގައި ނުޖެހުމެވެ. ހަގީގަތް ބައްލަވާށެވެ. ބިލު ވިދާޅުވާށެވެ. ދެ ފަރާތުގެ ވާހަކަ އަޑުއައްސަވާށެވެ. އޭރުން ސާފުވާނީ މިއީ ސިޔާސީ ބާރުވެރިކަމުގެ ކުޅިގަނޑެއް ނޫން ކަމެވެ. ރައްޔިތުންނަށް ފައިދާ ހުރި، ދައުލަތަށް ލުއި، ޑިމޮކްރެސީ ހަރުދަނާ ކުރާ ބަދަލެއް ކަމެވެ.
ރާއްޖޭގެ އިންތިހާބީ ނިޒާމަކީ ދެފުށް ފެންނަ، ވަރުގަދަ ނިޒާމެކެވެ. ވެރިކަން ކުރާ ޕާޓީ ބަލިވެ، އެ ނަތީޖާ ގަބޫލުކޮށް، އަމާންކަމާ އެކު ވެރިކަން ބަދަލުވެފައިވާ ތާރީހެއް އެބައޮތެވެ. ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވި ނަމަވެސް، މި ނިޒާމު ހަރުދަނާކޮށް ހިފެހެއްޓިއްޖެ ނަމަ، ރައްޔިތުންގެ ވޯޓުގެ ސައްހަކަން ކަށަވަރު ކުރެވޭނެއެވެ. މުހިންމީ ސިޔާސީ ކުޅިގަނޑާ ދުރުވެ، ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމެވެ.










